ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އިލެކްޝަންސް ކޮމިޝަނުން ތަފާތު ކުރުންތައް ގެންގުޅޭތީ އެކަން ތަކުރާރު ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފި އެވެ.

މީޑިއާ ކައުންސިލުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެ ކޮމިޝަނުން މީޑިއާތަކަށް މައުލޫމާތު ދިނުމުގައި ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ ގިނަ ޝަކުވާތަކެއް އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފަސް ކުރުމަށް އެންގި އެންގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ގޮތެއް އެންމެ ފަހު ވަގުތާ ޖެހެން ދެންވެސް ވަނީ ނޭނގުމެއްގެ ތެރޭގައި ކަމަށެވެ.

"އެ ދަނޑިވަޅުގައި ކޮމިޝަނުގެ ނިންމުމަކީ ކޮބައިކަން ނޭނގޭ ގޮތަށް ކޮމިޝަނުގެ އެކި ބޭފުޅުން އެކި ގޮތަށް ވާހަކަ ދެއްކެވުމުން ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފެދި، ގައުމުގެ މަސްލަހަތު ގެއްލުމުގެ ފުރުސަތު ތަނަވަސްވެގެން ދިޔަ އެވެ،" އެ ސިޓީގައި ވަނީ ބުނެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިރު އޮއްސިގެން އައި ވަގުތަކީ ހޮނިހިރު ދުވަހު ވޯޓުލުން އޮންނާނެތޯ ނުވަތަ ނޫންތޯ ރައްޔިތުން ސުވާލު އުފައްދަ އުފައްދައި ތިބި ވަގުތު ކަމަށާއި އެ ވަގުތު ކޮމިޝަންގެ ރައީސް ވަކި މީޑިއާތަކެއް ކޮމިޝަނަށް ގެންދަވައި ރައީސް ބޭނުންފުޅުވާ މެސެޖުތައް ވަކިވަކީން ދެއްވިކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

އެކި މީޑިއަމްތައް ތަފާތު ކުރުމުގެ އިތުރަށް އެ ބައެއްގެ ހައްގުތަކުގެ މައްޗަށް ނަގާ ވޯޓެއް ލާންތިބި މީހުންނަށް ފުރިހަމަ މައުލޫމާތު ނުލިބޭނެ ގޮތަށް އަމަލުކުރުމުން ރައްޔިތުން ހައިރާންވެ، ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ތިބިކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް މީޑިއާ އަށް މައުލޫމާތު ދެއްވަނީ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ކަމަށް ވުމުން، ރައީސް އަވަދި ނެތި އުޅުއްވާ ދަނޑިވަޅުތަކުގައި އާންމުންނަށް ކަންކަން ސާފުކޮށް ދިނުމަށް ކޮމިޝަނުގައި ވަކި ފޯކަލް ޕޮއިންޓެއް ނެތް ކަމުގެ އުނިކަން ފާހަގަ ކުރެވޭ ކަމަށެވެ.

މީޑިއަމްތަކުގެ ޕޮލިސީ ތަފާތުވެދާނެ ކަމަށާއި ނަމަވެސް އެ ކޮމިޝަނުން މީޑިއާތަކަށް ދެއްވާ މައުލޫމާތަކީ ހަމަހަމަކޮށް ދެއްވަން ޖެހޭނެ މައުލޫމާތައް ވާންޖެހޭނެ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

ފާއިތުވި ތަނުގެ ތަޖުރިބާގެ އަލީގައި ކުރިޔަށް ހުރި އިންތިޚާބުތަކާ ގުޅޭ އަދި އެ ނޫނަސް އިލެކްޝަން ކޮމިޝަންގެ ނިންމުންތައް ހުރިހާ މީޑިއަމްތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށް ދިނުމަށްވެސް މީޑިއާ ކައުންސިލުން ވަނީ އިލެކްޝަން ކޮމިޝަނަށް އިލްތިމާސް ކޮށްފައެވެ.