28 Sep 2013, 18:32
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް ކަނޑައެޅުމަށް ޓަކައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހަޅަން ނިންމައިފި އެވެ.
މީޑިއާ ކައުންސިލުގައި މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހީމް ހަލީލު ހުށަހެޅުއްވި މައްސަލަ އެގޮތަށް ފާސްކޮށްފައި ވަނީ އެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި 11 މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.
މީޑިއާ ކައުންސިލްގެ ރައީސް ހުޝާމް މުހައްމަދު މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖޭގެ މީޑިއާ ކޮމިޝަން ތަރައްގީ ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ގަބޫލު ނުކުރެވޭތީ އާއި މީޑިއާއަށް ބިރުދެއްކުމަށް ބައެއް ކަހަލަ ކަންތައްތައް ކުރަމުން ގެންދާ ކަމަށް ތުހުމަތުކުރެވޭތީ އާއި މީޑިއާތަކުގެ މެދުގައި ހަމަހަމަކަން ގާއިމް ނުކުރެވޭތީ އާއި ބްރޯޑްކާސްޓިން ގާނޫނު ފުރިހަމަ އަށް ތަންފީޒު ނުކުރާތީ މެމްބަރުންގެ މެދުގައި މިއަދު މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
މީޑިއާ ކައުންސިލުން އެ ކޮމިޝަނާ މެދު ފިޔަވަޅު އެޅުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވުމަށް ނިންމާފައި މި ވަނީ، ބްރޯޑްކާސްޓިން ކޮމިޝަނުން ރޭ ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ގައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފި ނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށް ފަހު ލައިސަންސް ބާތިލުކުރުމަށް ޓަކައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އޭގެ އިތުރަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ވަކި ގޮތަކަށް "ލޭބަލްކޮށް" ޗެނަލްތަކުން ފޮޓޯ ދައްކާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލައި ނިމެންދެން، އެފަދަ ފޮޓޯ ބްރޯޑްކާސްޓް ނުކުރުމަށް އަންގައިފައިވާ މައްސަލާގައި ވެސް އެ ކައުންސިލުން މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އެއްވެސް ސަބަބެއް ބަޔާންކޮށް ނުކޮށް އެގޮތަށް އެންގި މައްސަލައިގައި ވެސް މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުން ފާޅުކޮށްފަ އެވެ.