އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި ހުރި ފަސްބުރީގެ އިމާރާތެއް ވެއްޓި 25 މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ ދަ ޓައިމްސް އޮފް އިންޑިއާ (ޓީއައި) ނޫހުން ބުނީ މުމްބާއީގެ މަޒްގައުން ސަރަހައްދުގައި ހުރި ބްރިހަން މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)ގެ ވެއްޓުމުގެ ސަބަބުން މަރުވި 25 މީހުންގެ އިތުރުން 32 މީހަކު ޒަހަމް ވެފައިވާ ކަމަށެވެ. އަދި ބުނީ އިމާރާތުގެ ދަށުގައި ތިން މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށެވެ. ޒަހަމްވީ މީހުންނަށް ޖޭޖޭ ހޮސްޕިޓަލާއި ނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ނޫހުގައި ވެއެވެ.

އިމާރާތްކުރިތާ 30 އަހަރު ވެފައިވާ ބީއެމްސީ ބިލްޑިން ވެއްޓުނު އިރު އެތަނުގައި ގާތްގަނޑަކަށް 21 އާއިލާ ދިރިއުޅެމުން ދިޔައެވެ. އެއިމާރާތަކީ ވަރަށް އަވަހަށް މަރާމާތުކުރަން ޖެހޭ ތަނެއްގެ ގޮތުގައި ފާހަގަކޮށްފައި ހުރި އިމާރާތެކެވެ.

މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ދެލައްކަ ރުޕީސް ދޭނެ ކަމަށާއި ޒަހަމްވީ މީހުންގެ ބޭސްފަރުވާއަށްދާ ހަރަދުކޮށްދޭނެ ކަމަށް ބީއެމްސީން ވަނީ ބުނެފައެވެ. އަދި ސަލާމަތް ވީ މީހުން ދިރިއުޅޭނެ ތަންތައް ހޯދައި ދޭނެ ކަމަށް ވެސް އެކޯޕަރޭޝަނުން ބުނި ކަމަށް ނޫހުގައި ވެއެވެ.