24 Nov 2010, 10:41
މާލޭގައި ފުރަތަމަ ހުޅުވި އިންޓަނޭޝަނަލް ޗެއިންގެ ހޮޓާ، ހޮލިޑޭ އިންގެ ނަން ޝަންގްރިލާގެ ޓްރޭޑާސް ހޮޓެލް މާލޭގެ ނަމަށް ބަދަލުކޮށް ވިޔަފާރި އަށް އިއްޔެ ހުޅުވާލައިފި އެވެ.
ޝަންގްރިލާ ހޮޓެލްސް އެންޑް ހޮޓެލްސް އެންޑް ރިސޯޓްސް އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 14 ބުރީގެ ހޮޓަލުގެ އެންމެ މަތީގައި ހުންނަ ރެސްޓޯރަންޓްގައި ތިބޭ އިރު އިންޑިއަން އޯޝަންގެ ހިއްގައިމު މަންޒަރު ފެންނާނެ ކަމަށެވެ.
ޓްރޭޑާސް ހޮޓަލުގައި ތިން ރެސްޓޯރަންޓާއި 24 ގަޑި އިރުގެ ޕަނިނީ ކެފޭއެއް އެންމެ ތިރީގައި ހުންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ހޮޓަލުން ބުނެފައި ވަނީ 300 މީހުންގެ ޖާގައިގެ ބޯލް ރޫމެއްގެ ހިދުމަތް ވެސް ވިޔަފާރީގެ ގޮތުން ދިނުމުގެ ފުރުސަތު އެ ހޮޓަލުގައި ގާއިމުކުރެވިފައިވާ ކަމަށެވެ.
ޝަންގްރިލާ އިން ހޮޓާ ގަތުމުގެ ކުރިން އެ ހޮޓަލުގެ ވެރިފަރާތަކީ މާލޭ ހޮޓެލް އެސޯސިއޭޓްސް އެވެ. އެ މީހުން ހޮޓާ ވިއްކާލީ ހުޅުވިތާ އަހަރު ދުވަސް ވެސް ނުވަނީހެވެ.
ޓްރޭޑާސް ހޮޓަލުގެ މުވައްޒަފަކު ނަން ނުޖެހުމަށް އެދި މިއަދު ބުނީ ހޮޓަލުގެ މެނޭޖްމަންޓް ބަދަލުވުން ފިޔަވައި މުވައްޒަފުންނަށް އަދި މުވައްޒަފުންގެ މުސާރަ އަށް ވެސް އެއްވެސް އުނިއިތުރެއެއް ނާންނަ ކަމަށެވެ. އަދި ހޮޓާ އޮޕަރޭޓް ކުރަނީ މުޅިން ފުލްކޮށް ކަމަށާއި ކުރިއަށް ވެސް އޮތީ ފުލްކޮށް ބުކްވެފައި ކަމަށެވެ.