28 Sep 2013, 15:43
މެލޭޝިއާގެ އެއާލައިން އެއް ކަމަށްވާ އެއާ އޭޝިއާ އެކްސް އިން ރާއްޖެ އާއި އެ ގައުމާއި ދޭތެރޭ ޝެޑިއުލް ދަތުރުތަކެއް މިއަދު ފަށައިފިއެވެ.
ހަފްތާއަކު ފަސް ފްލައިޓް ރާއްޖެއަށް އޮޕަރޭޓް ކުރުމަށް އެއެއާލައިން އިން ނިންމާފައިވާއިރު އެދަތުރުތައް ކުރުމަށް ނިންމާފައި ވަނީ ކުއާލަމްޕޫރްއިން މާލެ އަށް އަދި މާލެއިން ކޮލޮމްބޯއަށް އަދި ކޮލޮމްބޯއއިން ކުއާލަމްޕޫރުއަށެވެ. އެދަތުރުތައް ކުރަނީ ދެކޮޓް ޓިކެޓް 255 ޑޮލަރަށް(3932ރ.) އަށެވެ. އަދި ރާއްޖެއިން ލަންކާއެއްކޮޅު ޓިކެޓް އަގަކީ 75 ޑޮލަރަށް(1156ރ.) އެވެ.
އެ ދަތުރުތަކުގައި ބޭނުން ކުރުމަށް ނިންމާފައި ވަނީ 377 ގޮނޑީގެ އެއާބަސް އޭ330-343 ގެ މަތިންދާ ބޯޓްތަކެކެވެ.
އެ އެއާލައިންގެ ރާއްޖޭގެ ސޭލްސް އެޖެންޓަކީ އޯލް އެޗް އިންވެސްޓްމަންޓެވެ.
އެއެއާލައިން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު ދުނިޔޭގައި މަޝްހޫރު ގިނަ އެއާލައިންތަކެއް މިހާރު ދަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ 27 ގައުމަކުން 28 ޝެޑިއުލް އަދި ތިން ޗާޓާ އެއާލައިންތައް ރާއްޖެއަށް ދަތުރުތައް ކުރެއެވެ.