28 Sep 2013, 14:38
ރާއްޖޭގެ 12 ނޫސްވެރިއަކަށް އިންވެސްޓިގޭޓިވް ޖާނަލިޒަމްއާ ބެހޭ ކުރު ތަމްރީނެއްގެ ފުރުސަތު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހޯދައިދީފި އެވެ.
ތޮމްސަން ފައުންޑޭޝަނާއި ލަންކާގެ ސްރީލަންކާގެ ކޮލެޖު އޮފް ޖާނަލިޒަމް ގުޅިގެން، ޕްރިންޓް، އޮންލައިން، ޓީވީ، އަދި ރޭޑިއޯގެ މައްޗަށް ޑިޒައިންކޮށްފައިވާ ވޯކްޝޮޕް އޮންނާނީ އަންނަ މަހު 14 އިން 25 އަށް ލަންކާގައި ކަމަށް އެމްޖޭއޭ އިން މިއަދު ބުންޏެވެ. އަދި ކޮންމެ ނޫސްވެރިޔަކަށް ވެސް ނެގޭނީ އެއް މޮޑިއުލް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
އެ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު އެމްޖޭއޭ އިން ހޯދައިދިނީ ޓީވީއާއި ރޭޑިއޯއާ އޮންލައިން ނޫސްތަކުގައި މަސައްކަތް ކުރާ ނޫސްވެރިން ހިމެނޭ ގޮތުން 12 ނޫސްވެރިއަކަށެވެ.
އެ ވޯކްޝޮޕަކީ ނޫސްވެރިކަމަށް ހިދުމަތް ކުރުމުގައި ދިގު މުއްދަތެއް ހޭދަކޮށްފައި "ދަ ތޮމްސަން ފައުންޑޭޝަނާއި ސްރީލަންކާ ކޮލެޖް އޮފް ޖާނަލިޒަމް" ގުޅިގެން އިންތިޒާމުކުރި ވޯކްޝޮޕެކެވެ. ވޯކްޝޮޕްގައި ބައިވެރުވުމަށް ސްރީލަންކާ އަށްދާ ނޫސްވެރިންގެ ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރަށް ޕާޑިއަމް ހަމަޖައްސައި ދެނީ ވޯކްޝޮޕް އިންތިޒާމު ކުރާ ފަރާތުން ކަމަށް ވެސް އެމްޖޭ އިން ބުންޏެވެ.
ވޯކްޝޮޕްގައި ބައިވެރިވާނެ ނޫސްވެރިން އެމްޖޭއޭ އިން ހޯދީ އާއްމުކޮށް އިއުލާންކޮށްގެންނެވެ. ބައިވެރިވުމުގެ ޝަރުތެއް ކަމަށް އެމްޖޭއޭ އިން ބުނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހުރުމާއި އިނގިރޭސި ބަސް އެނގުމެވެ.
އެމްޖޭއޭ އިން އަންނަނީ ރާއްޖޭގެ ނޫސްވެރިންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތަމްރީނުވުމުގެ ފުރުސަތު އެ ޖަމިއްޔާ އިން ވަނީ ރާއްޖޭގެ ނޫސްވެރިންނަށް ކުރިން ވެސް ހޯދައިދީފަ އެވެ.