އިލެކްޓްރޯނިކް ސާމާނު ވިއްކުމުގައި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ސެމްސަން ކުންފުނިން ނެރެމުން އަންނަ ނޯޓް ސީރީޒްގެ އެންމެ ފަހުގެ ފޯން، ސެމްސަން ނޯޓް 3 ރާއްޖޭގައި ރޭ ވިއްކަން ފަށައިފި އެވެ.

ނޯޓު ތިނެއް ރޭ ރާއްޖޭގައި ލޯންޗުކުރި މަޝްހޫރު ފޯން ފިހާރަ، ޑްރީމްސް މޯބައިލްގެ އިސްވެރިޔާ އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވީ އެ ފިހާރައިން ފޯން ވިއްކަން ފަށާފައި ވަނީ ރޭ އަށެއް ޖެހިއިރު ކަމަށެވެ. އަދި އެ ފިހާރައިން ލިބެންހުރި 4ޖީ ލިބޭ 32 ޖީބީގެ އަގު އުޅެނީ 16،500ރ. އަށް ކަމަށާއި އެ ފޯނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ފޯން ވިއްކުމަށް މަޝްހޫރު އެލް މޯބައިލުން ބުނީ އެ ފިހާރައިން ސެމްސަންގް ނޯޓް 3 ވިއްކަން ފަށާނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެފިހާރައިން ފޯންގެ އަގުތަށް އުޅޭނީ 14،000 އަށްވުރެ މަތީގެ އަގެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސެމްސަންގް އިން ބުނީ ސެމްސަންގް ނޯޓް 3 ގައި ނޯޓް 2 ގެ ސްކްރީނަށްވުރެ 5.7 އިންޗީގެ ކްރިސްޓަލް ކްލިއާ ފުލް އެޗްޑީ، 1080 ޕިކްސަލްގެ ޑިސްޕްލޭއެއް ހިމެނޭނެ ކަމަށެވެ. އަދި ނޯޓް 2 ގައި ހިމެނޭ އަށެއް މެގަޕިކްސް ކެމެރާ އާއި ހިލާފަށް އެފޯންގައި 13 މެގެޕިކްސްގެ ކެމެރާއެއް ހިމަނާފައިވާއިރު 2.3 ގިގަ ހާޓްޒްގެ ކުއެޑްކޯ ޕްރޮސެސާއަކާއި ތިން ޖީބީގެ ރެމް އެއްވެސް ހިމަނާފައިވާނެ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

ނޯޓް ސީރީސްގައި ހިމެނޭ އެސް ނޯޓް ފީޗާ ވެސް ހިމަނާފައިވާ އެފޯންގައި އެއް ސްކްރީނެއްގައި އެކި އެޕްލިކޭޝަންތަކުގެ ވިންޑޯ އެއްފަހަރާ ހުޅުވަން ބޭނުންކުރާ މަލްޓި ވިންޑޯ ފީޗާގައި އެޕްލިކޭޝަނެއް ދެ ބަޔަށް ބަހާލައި ދެ ވިންޑޯއަކުން ބެލޭ ގޮތަށް ތަރައްގީކޮށްފައިވެ އެވެ.

ސެމްސަންގް ނޯޓުގައި ހިމެނޭ ބައެއް މުހިއްމު ފީޗާއަށް ބަލާލާއިރު އެފޯންގައި ހިމެނޭ މައިކްރޯ ޔޫއެސްބީ 3.0 ޕޯޓް ފާހަގަކޮށްލެވެ އެވެ. މި ޕޯޓުގެ ސަބަބުން އެފޯންގައި ހިމެނޭ ބޮޑު ބެޓެރި އަވަހަށް ޗާޖް ވުމުގެ އިތުރުން ސްކޫލުތަކާއި މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށް ފޯނަށް ޑޭޓާ އަވަހަށް ޓްރާންސްފާ ކުރުމަށް އަވަސްވާނެ ކަމަށް ސެމްސަންއިން ބުނެފައިވެ އެވެ.

ރާއްޖޭގައި މިއަދު ނޯޓް 3 ވިއްކަން ފަށާފައިވާއިރު، ދުނިޔޭގައި އެފޯން ދައްކާލާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަދި އެފޯންވަނީ މިދިޔަ ބުދަ ދުވަހު 140 ވުރެ ގިނަ ގައުމެއްގެ ބާޒާރަށް ނެރެފަ އެވެ.