28 Sep 2013, 14:02
ހދ. ކުޅުދުއްފުށީގައި ތާރުއެޅި އެ ރަށު އަމީނީމަގު ހުޅުވައި ދެއްވައި ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު މިއަދު ހެނދުނު ފަށްޓަވައިދެއްވައިފި އެވެ.
އެ ރަށުގައި ފައްޓަވައިދެއްވީ، އެ ރަށު ދަންޑެހެލު މަގުގައި ތާރު އެޅުމުގެ މަސައްކަތެވެ.
އެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ ހަނިމާދޫގައި ފުރަތަމަ ފަހަރަށް މިޒަމާނުގެ ފެންވަރަށް ތާރު އަޅާފައިވާ މަގެއް ހެދުމުގެ މަޝްރޫއު ފެށޭ ދުވަސްކަން ފާހަގަކުރެއްވި އެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް 5،4 މަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މަގު ހަދައި ނިމުމުން، އެރަށުގެ ރައްޔިތުންނަށް މަގުގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހަތައް ލިބެމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ހަނިމާދޫގެ ތަރައްގީއަށް ޓަކައި ކުރެވެމުންދާ އެކިއެކި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން، އެ ރަށުގައި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ރައީސް ފާހަގަކުރެއްވ އެވެ.
ހަނިމާދޫގެ ގުދުރަތީ ރީތިކަމަށް އިޝާރާތް ކުރައްވައި، ތަރައްގީގެ މަޝްރޫއުތަކާ އެއްވަރަށް، ރަށް ފެހިކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރު އަޅައި ނިންމި އެ ރަށު އަމީނީމަގު، އިއްޔެ ހަވީރު ހުޅުއްވައިދެއްވައިފަ އެވެ.
ކުޅުދުއްފުށީ އަމީނީމަގު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިވަރުގެ މަގެއް ހަދާ ނިމުނުކަމީ ތާރީޚީ ގޮތުން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި، މަގުގެ މަސައްކަތް ނުނިމި ދިގުދެމިގެން ގޮސްފައިވީ ނަމަވެސް، މިއަދަކީ ޝަކުވާ ކުރަންވީ ދުވަސް ނޫންކަމަށާއި، މަގު ހަދައި ނިމުންކަމަށްޓަކައި ޝުކުރުވެރި ވާންވީ ދުވަސް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އިރާދަކުރެއްވިއްޔާ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ވެސް ލަސްނުވެ ކުރިއަށްދާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.