ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނު އާސާސީ އިން ފުރިހަމަ އަށް ލިބިދީފައިވާ އިރު އެ މިނިވަންކަން ހެޔޮގޮތުގައި ހިފުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް އެންމެހާ ފަރާތްތަކަށް މޯލްޑިވްސް ޖާނަލިސް އެސޯޝިއޭޝަނުން ގޮވައިލައިފަ އެވެ.

އެމްޑީޕީން މާލޭގައި ރޭ ކުރި މުޒާހަރާ ކަވަރުކުރުގައި ހަރަކާތްތެރިވި ހަވީރު ނޫހުގެ ފޮޓޯގްރާފަރު މުހައްމަދު ސާޖިދު ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، އޭނާ ނުކިޔަމަންތެރިކަން ދައްކާފައިނުވާ ކަމަށް އޭނާއާ ހަވާލާދީ ހަވީރު ނޫހުން ބުނެފައިވާ ކަމަށެވެ. އަދި ބައެއް ނޫސް އިދާރާތަކަށް ބަޔަކު ގެއްލުން ދިން މައްސަލަ ވެސް އެ ޖަމިއްޔާ އިން ވަނީ ކުށްވެރިކޮށްފަ އެވެ.

އެމްޖޭއޭ އިން ބުނީ ނޫސްވެރިން އެމީހުންގެ ވާޖިބު އަދާކުރަމުން ދާއިރު އެއްވެސް ފަރާތަކުން ނޫސްވެރިންނަށް ހުރަސް އެޅުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ބަލައިގެންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ނޫސްވެރިން ވެސް ހަބަރާއި މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާ އިރު ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި ހަރަކާތްތެރިވުމަށާއި ހާއްސަކޮށް މުޒާހަރާ އާއި އެއްވުން ފަދަ ހަރަކާތްތައް ކަވަރު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތަށް ކަންކުރަމުން ދިއުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހަވީރުގެ ފޮޓޯ ގްރާފަރު ހައްޔަރުކުރުމަށް ފަހު އޭނާ ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން ބުނެފައި ވަނީ އޭނާ ދޫކޮށްލީ ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް ފަހު ކަމަށެވެ. މުޒާހަރާ ކަވަރު ކުރަމުން ގެންދިޔަ ހަވީރުގެ ފޮޓޯގްރާފަރު ހައްޔަރު ކުރުމަށް ފަހު ޔޫރިން ނެގި ކަމަށާއި އޭނާއާ މެދު ފުލުހުން އަމަލު ކުރީ ހައްޔަރު ކުރާ އެންމެންނާ މެދު ވެސް އަމަލު ކުރާ ގޮތަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.