28 Sep 2013, 12:40
ގަލޮޅު ސަރަހާ ސަރަހައްދުގައި ހުންނަ ގ. ހާފްސީގައި ހަދާފައި ހުރި ޕީޕީއެމްގެ ޖަގަހައަކަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
އެ ޖަގަހައިގެ ވެރިޔާ މުހައްމަދު ހައްސާން މިއަދު "ސަން" އަށް ވިދާޅުވީ އެ ޖަގަހައަށް ގެއްލުންދީފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ބޮޑަށް ބެލެވެނީ ރޭ ފަތިހު ކަމަށެވެ. އަދި އެ ޖަގައަކީ ރެ އާ ހަމައަށް ޕީޕީއެމް ކެމްޕެއިންގައި ބޭނުން ކުރަމުން އައި ޖަގަހައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭ ދީފައިވާ ގެއްލުންތަކާ އެކު އެ ޖަގަހައިގެ ދޮރުތައް ވައްޓާލާފައިވާ އިރު ފަންކާތަކުގެ ފިޔަތައް ވެސް ވަނީ ބަޅުކޮށްފަ އެވެ. އަދި އެ ޖަގަހައިގެ ޓީވީ ވެސް ހަލާކުކޮށްލާފައިވާ އިރު ޖަގަހައިގެ ކަރަންޓް މީޓަރު ވެސް ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި އެތަނުގެ ތެރެއަށް ދަވާދު ޖަހާ ހަދާފައި ވެސްވެ އެވެ.
ރޭ ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުންދީފައިވާ އިރު ރޭ ވަނީ ދި ޓީވީ އަށާއި ފަރީދުމަގުގައި ހުންނަ ދިރާގު އޮފީހަށާއި ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީހަށް ވެސް ބަޔަކު ގަލުން ހަމަލާދީ ބިއްލޫރިތައް ތަޅާލުމަށް މަސައްކަތްކޮށްފަ އެވެ.