28 Sep 2013, 12:26
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމާ ގުޅޭ މައްސަލަ ހޫނުވެފައި ވަނިކޮށް، އިންޑިއާ ސަފީރު ރަޖީވް ޝަހަރޭ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން އެތަނުގެ މެމްބަރުންނާ ބައްދަލުކުރެއްވުމާ ގުޅިގެން ރޭ ފޮރިން މިނިސްޓްރީ އަށް އޭނާ ހާޒިރުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑިއާ ސަފީރާ އެކު ބައްދަލުކޮށްލެއްވުމެއް ރޭ އޮތް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޭގައި އަޅުގަނޑުމެން އިންޑިއާ ސަފީރާ އެކު ބައްދަލުވުމެއް ބޭއްވި. އެކަމަކު އެ ބައްދަލުވުމާ ގުޅޭ ތަފުސީލެއް ހާމަކުރެވޭކަށް ނެތް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ސަފީރާ އެކު ބައްދަލުވުން އޮތީ ރޭ 7:00ގެ ފަހުން ކަމަށެވެ.
ފޮރިން މިނިސްޓްރީން ރޭ ވަނީ ރާއްޖޭގެ ދާހިލީ ކަންކަމާ އެއްވެސް ފަރާތަކުން ނުބެހުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އިންޑިއަން ހައި ކޮމިޝަނަރު އިލެޝަންސް ކޮމިޝަނަށް ވަޑައިގަތް ކަމުގެ ހަބަރު މީޑިއާ އިން އިވިފައިވާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނަށް ހައި ކޮމިޝަނަރު ސަހާރޭ ވަޑައިގަތީ ކީއްކުރަންތޯ ދެންނެވުމުން އޭނާ ވަނީ ވާހަކަ ނުދައްކަވައި ފޯނު ކަނޑުއްވާލައްވައިފަ އެވެ. އަދި ޑެޕިއުޓީ ހައި ކޮމިޝަނަރު ރަނާ ވެސް ފޯން ކަނޑުއްވާލެއްވީ އެވެ.