28 Sep 2013, 12:16
ވޯޓްލުމުގެ ފުރުސަތު ދިވެހިންނަށް ލަސް ނުވެ، ލިބެން ޖެހޭނެ ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ބުނެފި އެވެ.
ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫން މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ ވަނީ ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ކެތްތެރިކަން ދައްކާފައިވާ ކަމަށާއި ވޯޓްލުމުގެ ފުރުސަތު ލަސްނުވެ، ލިބެން ޖެހޭނެ ކަމަށެވެ. ބާންކީމޫން މިހެން ވިދާޅުވިކަން ހާމަކުރީ އޭނާގެ ތަރުޖަމާނު މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.
"މިއިންތިހާބުތަކަކީ ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް އަލުން ވަރުގަދަ ކުރުމަށް ވަރަށް މުހިއްމު އިންތިހާބު ތަކެކެވެ. ރާއްޖޭގެ ރައްޔިތުން ވަނީ ވަރަށް މަތީ ދަރަޖައަކަށް ކެތްތެރިކަން ދައްކާފަ އެވެ. އިތުރު ލަސްކުރުމެއް ނެތި އެމީހުންނަށް ވޯޓްލުމުގެ ފުރުސަތު ލިބެން ޖެހޭނެ އެވެ،" ބާން ވިދާޅުވެފައިވެ އެވެ.
ބަޔާނުގައި އަދި ވަނީ ސެޕްޓެމްބަރު 28ގައި ބާއްވަން އޮތް ދެވަނަ ބުރު ފަސްކުރަން ނިންމި ނިންމުމާ މެދު ބާން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ ކާމިޔާބު އިންތިހާބެއްގެ ގޮތުގައި ގައުމީ އަދި ބައިނަލްއަގުވާމީ އޮބްޒާވަރުން ދެކޭކަން ސެކްރެޓަރީ ޖެނެރަލް އަނެއްކާ ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވެފައި ވަނީ ގައުމުގެ މުސްތަގުބަލު ކަނޑައެޅުމުގައި ރައްހޔިތުން އެދޭ ގޮތަށް އިހުތިރާމް ކުރުން މުހިއްމު ކަމަށެވެ.
"ގައުމުގެ މުސްތަގުބަލު ކަނޑައެޅުމުގައި ރައްޔިތުން އެދޭ ގޮތަށް އިހުތިރާމް ކުރުމަކީ އެންމެ މުހިއްމު ކަންތައް ކަމަށް ވިދާޅުވި ވިދާޅުވުން އޭނާ ތަކުރާރު ކުރެއްވި އެވެ،" ބަޔާނުގައިވެ އެވެ.