ޓެކްސް ދެއްކުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ އާއި އޭނާގެ ބައްޕަ ޖޯޖް މެސީ ސްޕެއިންގެ ކޯޓަކަށް ހާޒިރުކޮފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދާފައިވާ އުމުރުން 26 އަހަރުގެ މެސީއާއި، އޭނާގެ ބައްޕަ ޖޯޖް މެސީގެ މައްޗަށް ވަނީ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ހަތަރު މިލިޔަން އަށްވުރެ ގިނަ ޔޫރޯ ދެއްކުމުގައި ކަމާބެހޭ ފަރާތްކަށް މަކަރު ހަދައި އޮޅުވާލާފައި ކަމަށް ތުހުމަތު ކޮށްފަ އެވެ.

ސްޕެއިންގެ ގާވާގެ ކޯޓެއްގައި މެސީއާއި އޭނާގެ ބައްޕައާ ސުވާލުކޮށްފައިވަނީ ދެ ބަފައިން ވަކިވަކިން ނެވެ. އަދި އެ ދެބަފައިންވެސް ވަނީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތު ތަކަށް ސާފު ބަހުން އިންކާރުކޮށްފައިވާ އިރު މެސީގެ ލޯޔަރު ބުނެފައިވަނީ އެމައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރަން ބޭނުންވާ ކަމަށެވެ.

މެސީއާ އެނާގެ ބައްޕަގެ މައްޗަށް ތުހުމަތު ކުރާ ކަންތައްތަކުގެ ތެރޭގައި ސްޕެއިންގެ ޓެކްސް އޮތޯރިޓީއަށް އޮޅުވާލުމުގެ ގޮތުން، ބެލިޒޭއާއި އުރުގުއޭ ގައި 2007އިން 2009 އަށް ކުންފުނިތައް ހަދައިގެން މެސީގެ ފޮޓޯ އިޝްތިހާރު ކުރުމުގެ ރައިޓްސް ވިއްކައި ހަދައިފައި ވާކަމަށެވެ. އަދި އެގޮތުން ހޯދާފައިވާ ފައިސާގެ ތެރޭގައި ބެންކޯ ސަބަޑެލް، ޑެނޯން، އެޑިޑާސް، ޕެޕްސީ ކޯލާ، ޕްރޮކްޓާ އެންޑް ގޭމްބަލް އަދި ކުވައިތު ފުޓްބޯލް ކޮމްޕެނީ ހިމެނެ އެވެ.

ކޯޓު ބަންދުކޮށްގެން ހުކުރު ދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާ އިރު ދައުލަތުގެ ވަކީލު ބީބީސީއަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ ދިފާއީ ވަކީލުން މެސީއާއި އޭނާގެ ބައްޕަގެ ބޮލުގައި އަޅުވާފައިވާ ތުހުމަތު ތަކުން ސަލާމަތްކޮށް އެމީހުންގެ މައުސޫމްކަން ސާބިތު ކޮށްދޭން މަސައްކަތް ކުރިއިރު އަދި މިހާތަނަށް އެއްވެސް ކަހަލަ އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.

ބާސެލޯނާއިން އަހަރަކު 16 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ލިބޭއިރު ދުނިޔޭގެ އެންމެ ބޮޑު މުސާރަލިބޭ ކުޅިވަރު ޝަހުސިއްޔަތް ތަކުގެ ތެރޭގައި ހިމެނޭ މެސީ ވަނީ ހިޔާނާތުގެ އެއްވެސް ކަމެއްގައި ބައިވެރި ވެފައި ނުވާނޭ ކަމަށް މީގެ ކުރިންވެސް ބުނެފަ އެވެ.

ބާސާއިން ލިބޭ އާމްދަނީގެ އިތުރުން އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މިހާރުވެސް މަލްޓިމިލިޔަން ޑޮލަރުގެ އެތައް ސްޕޮންސާޝިޕް ޕްރޮޖެކްޓް ތަކުގައި ސޮއިކޮށްފަ އެވެ.

އާޖެންޓީނާގެ ވަރަށް އާދައިގެ އާއިލާއަކަށް އުފަންވި މެސީ އަކީ އޭނާގެ ޅައުމުރުގައި ވަރަށް ސީރިއަސް ސިއްހީ މައްސަލަތަކެއްވެސް ދިމާވި ކުޅުންތެރި އެކެވެ. އެހެން ނަމަވެސް އުމުރުން އެންމެ 13 އަހަރުގައި 2000 ވަނަ އަހަރު ބާސެލޯނާއާ ގުޅުމަށްފަހު އޭގެ ތިން އަހަރު ފަހުން ބާސާއަށް ކުޅެންފެށި، މެސީއަކީ ދަނޑުމަތީގައި އޭނާ ހޯދާފައިވާ ކާމިޔާބުތަކުގެ ސަބަބުން މިހާރު ދުނިޔޭގައި ހިނގާ އެންމެ މަޝްހޫރު އެއް ވިޔަފާރި ބްރޭންޑަށް ވަނީ ވެފަ އެވެ.

މެސީއަކީ ދުނިޔޭގެ ކަންކޮޅުތަކުގައި އިންސާނީ އެކިއެކި ކަންކަމުގައިވެސް އެހީތެރިވަމުން ގެންދާ އިންތިހާއަށް ދީލަތި ކުޅުންތެރިއަކަށް ވާއިރު ޓެކްސްފަދަ ބޮޑު ކަމެއްގައި މަކަރުހަދައި އޮޅުވާލުމުގެ ތުހުމަތުގެ ސަބަބުންވެސް އޭނާގެ އަބުރާއި ޝަރަފަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ.