ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމްކޮށް ގެން އަންނަ މަހުގެ 10 ވަނަދު ވަހު ފެށުމަށް ހަމަޖެހިފައިވާވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ޖުމްލަ 13 ޓީމަކުން ބައިވެރިވެއްޖެ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ 13 ޓީމުގެ ތެރޭގައި ހިމެނެނީ އަންހެން ޑިވިޝަންގެ ފަސް ޓީމާއި ފިރިހެން ޑިވިޝަންގެ އަށް ޓީމެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ ޓީމްތަކަކީ އައިލެންޑް އޯޝަން ކުލަބާއި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއި ކުއީން ސްޕޯޓްސް ކުލަބް އަދި ވެލޯޒިޔާ އެވެ.

ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއި ކުލަބު ޕީކޭ އާއި ޔޫތު ސްޕޯޓްސް ކުލަބާއި ވިޗެންޒާ އަދި ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އެވެ. އަދި އަތޮޅު ތެރެއިން މުބާރާތުގައި ބައިވެރިވެފައި ވަނީ ނައިފަރު ޖުވެނައިލް އާއި ފީއަލީ ޔަންގް ޖެނެރޭޝަނެވެ.

މިއަހަރު ވެސް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ މިއަދިޔަ އަހަރު ވެސް އެ މުބާރާތް ސްޕޮންސާ ކުރި ޕަސްކޯލް އެވެ. އެހެން ކަމުން މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ "ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕް 2013"ގެ ނަމުގަ އެވެ.