28 Sep 2013, 11:30
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އާއި ބައިނަލްއަގްވާމީ ފުލުހުންގެ އިދާރާ (އިންޓަޕޯލް) ގުޅިގެން ފުޓްބޯޅައިގައި މަކަރު ހެދުން ހުއްޓުވުމަށްޓަކައި އީ-ލާނިން ޕްރޮގްރާމްތަކެއް ފަށައިފި އެވެ.
ފީފާއިން ބުނެފައި ވަނީ އިންޓަޕޯލްއާ ގުޅިގެން އެ އިދާރާއިން ހިންގާ މި ޕްރޮގްރާމް ތަކަކީ ފުޓްބޯޅައިގައި މަކަރު ހަދައި، ދުރާލައި ރާވައިގެން މެޗުތައް ވިއްކުމާއި، ގަތުމާއި ކުޅުންތެރިންނާއި ރެފްރީންނާއި އަދިވެސް މެޗުތަކުގައި ޝާމިލްވާ ފަރާތްތަކަށް ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި އެފަދަ ނުރައްކާތެރި އެންމެހައި ކަންތައްތަކުން އެކުޅިވަރުގައި ޝާމިލްވާ ފަރާތްތައް އެފަދަ މަކަރުވެރި އަމަލުތައް ހިންގައި ރާވާ ފަރާތްތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި ހިންގާ ޕްރޮގްރާމްތަކެއް ކަމަށެވެ.
ފީފާގެ ސެކިއުރިޓީ ޑައިރެކްޓަރު ރަލްފް މުޝްކޭ ވިދާޅުވީ ފީފާއާއި އިންޓަޕޯލްގެ އިސްނެގުމުގެ މަތިން ހިންގާ މި ޕްރޮގްރާމްގައި ފުޓްބޯޅައިގައި ހިންގާ ކޮރަޕްޝަނާއި އެފަދަ ކަންތައްތަކަށް މަގުފަހިވާ ކަންތައްތައް ދެނެގަނެ އެކަންކަމުން ރައްކާތެރިވާނޭ ފަސޭހަ ގޮތްތައް ދަސްކޮށްދީ އެކަންކަމަށް އެންމެހާ ފަރާތްތައް ހޭލުންތެރިވާނޭ ގޮތްތައް ކިޔަވައިދެވޭނެ ކަމަށެވެ.
"ފީފާއާއި އިންޓަޕޯލް ގުޅިގެން ހިންގާ މި ހަރަކާތަކީ މެޗުތަކުގައި މަކަރު ހެދުމާއި އޮޅުވާލުމުގެ ސަބަބުން އެ ކުޅިވަރުގެ އިންޓަގްރިޓީ ގެއްލިދާނެ ކަމުގެ ބިރު އޮތުމުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އަޅާ ވަރަށް މުހިއްމު ފިޔަވަޅެއް،" މުޝްކޭ ވިދާޅުވި އެވެ.
އިންޓަޕޯލްގެ އިންޓަގްރިޓީ އިން ސްޕޯޓްސް ޔުނިޓުގެ އެސިސްޓެންޓް ޑައިރެކްޓަރު މިޝެއިލާ ރެގް ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއާއި ބައިނަލްއަގްވާމީ ފުލުހުންގެ އިދާރާ ގުޅިގެން ނެރެފައިވާ އީ-ލާނިން ޕްރޮގްރާމްތަކުގެ ސަބަބުން ފުޓްބޯޅަ މުޖްތަމައުގައި ގަވައިދާ ހިލާފް އަމަލުތައް ހިންގާ ފަރާތްތަށް ދެނެގަނެ އެފަދަ ވިއުގަތައް ހޯދައި އެފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނޭ ކަމަށެވެ.
"މެޗްފިކްސިންގެ ޝިކާރައަކަށް ވުމުގެ އެންމެ ނުރައްކާތެރިކަން ބޮޑެތި ފަރާތްތައް ކަމަށްވާ ފުޓްބޯޅަ ކުޅުންތެރިންނާއި، ކޯޗުންނާއި އަދި ރެފްރީން އީލާނިންގެ ސަބަބުން އެކަމާގުޅޭ އިތުރު މައުލޫމާތު ލިބި އެފަދަ ކަންކަމުން އެކަހެރިވެ ތިބުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނޭ ކަމަށް އަޅުގަނޑުމެން ދެކެނީ،" އެނާ ވިދާޅުވި އެވެ.
އޮންލައިންކޮށް ހިންގާ "ހައިލީ އިންޓަރެކްޓިވް" އީ-ލާނިން ޕްރޮގްރާމް ފަރުމާ ކޮށްފައިވަނީ، އިނގިރޭސި، އަރަބި، ފްރެންޗް، ސްޕެނިޝް އަދި ޖަރުމަނު ބަހުންވެސް ބޭނުން ކުރެވޭ ގޮތަށެވެ.
ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގައި މަކަރު ހެދުމާއި އޮޅުވާލުމާއި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށްޓަކައި 10 އަހަރު ދުވަސް ވަންދެން ގުޅިގެން މަސައްކަތްކުރުމަށް ފީފާ އާއި އިންޓަޕޯލްއިން ވަނީ 2011 ވަނަ އަހަރުގެ މޭ މަހުގައި އެއްބަސްވެފައިވެ އެވެ.