މީގެ އަހަރުތަކެއް ކުރިން އިންޓަނެޓުގައި "ބްލޫމޭން" އަދި "ޕާޕާ ސްމަފް"ގެ ނަމުން މަޝްހޫރުވި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޕައުލް ކަރަސަން ހާޓްއެޓެކެއް ޖެހިގެން މަރުވެއްޖެ އެވެ.

މިދިޔަ ހޯމަދުވަހު 62 އަހަރުގެ ކަރަސަން ވޮޝިންގްޓަން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ، ހާޓްއެޓެކެއް ޖެހިގެންނެވެ. އަދި އޭގެ ފަހުން އޭނާގެ ހާލު އިތުރަށް ގޯސްވެ ނިއުމޯނިއާއަށް ބަދަލުވެ މަރުވުމުގެ ކުރިން އިތުރު ސްޓްރޯކްތަކެއް ޖެހިފައިވާ ކަމަށްވެސް އެންބީސީ ޓްޑޭގައި ރިޕޯޓްކޮށްފައިވެ އެވެ.

ކަރަސަންގެ ހަންގަނޑު ނޫކުލައަށް ބަދަލުވާން ދިމާވީ، އޭނާ ބޭނުންކުރި ޑައެޓްރީ ސަޕްލިމެންޓްތަކެއްގެ ސަބަބުން "އާޖީރިއާ" ކިޔާ ބައްޔެއް ހަންގަޑަށް ޖެހި، އެ ބައްޔަށް އަމިއްލައަށް ފަރުވާ ކުރުމަށްޓަކައި، ބޭނުންކުރި "ރިހި" އެކުލެވޭ ބޭހެއް ބޭނުން ކުރުމުން އުފެދުނު "ސައިޑް އިފެކްޓްސް"ގެ ސަބަބުންނެވެ.

ކައުންޓާ މެޑިސިން އެއްގެ ގޮތުގައި ބޭނުންކުރާ، "ކޮލޮއިޑަލް ސިލްވާ" އަކީ އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން އާގީރިއާ ޖެހޭތީ އެމެރިކާގެ އެފްޑީއޭ އިން 1999ގައި ބޭނުން ކުރުން މަނާކޮށްފައިވާ ބޭހެކެވެ. "ކޮލޮއިޑަލް ސިލްވާ"ގައި އެކުލެވޭ ރިހީގެ މާއްދާ ހަންގަނޑާއި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ވެސް ޖަމާވެ އޭތި ފަނާވެގެން ނުދާ ކަމަށްވެ އެވެ.

އެންބީސީ ޓްޑޭއާ 2008 ވަނަ އަހަރު އޭނާގެ ދިރިއުޅުމުގެ ވާހަކަ ހިއްސާ ކުރުމުގެ ކުރިން ކަރަސަން އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރީ ވަރަށް އެކަހެރިކޮށެވެ.

ކަރަސަންގެ ހުވަފަތް އަނބިމީހާ ކިޔައިދިން ގޮތުގައި އޭނާއާ ދިމާއަށް ކުޑަކުދިން "ޕާޕާ ސްމަފް"އޭ ބުނުމުން މޫނުމައްޗަށް ހިނިތުންވެރިކަން ވެރިވިޔަސް ބޮޑެތި މީހުން އެގޮތަށް މުހާތަބުކުރުމުން އޭނާ އެކަމާ އެހާ ހިތްހަމައެއް ނުޖެހެ އެވެ.