ޓޮޓެންހަމް ހޮޓްސްޕާއަށް އިނގިރޭސި ޕްރިމިއާ ލީގު މިފަހަރު ކާމިޔާބު ކުރެވިދާނޭ ކަމަށް ލީގުގައި މިއަދު އެޓީމާ ދެކޮޅަށް ނުކުންނަ ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އުމުރުން 50 އަހަރުގެ ޕޯޗުގީޒް ބުނީ އޭނާ ފުތަމަ ފަހަރު ޗެލްސީގެ ކޯޗުކަމާ ހަވާލުވެގެން ހުރި ދުވަސްވަރު (2004 އިން 2007) އަށް ވުރެން، މިހާރު ލީގުގައި ވާދަވެރިކަން ބޮޑު ކަމަށެވެ.

"ޓޮޓެންހަމްއަކީ މިހާރު ލީގު ޓައިޓަލްއަށް ވާދަ ކުރެވޭ ފެންވަރުގެ ޓީމެއް. އެ ޓީމުގައި ފެންވަރު ރަނގަޅު މޮޅު ކުޅުންތެރިން އެބަ ތިބި،" މޮރީނިއޯ ބުންޏެވެ. "މިފަހަރު ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ހަޓީމަކަށް އެބައޮތް. އޭގެ ތެރެއިން ކޮންމެ ޓީމެއްވެސް އެއްވަނަ އަށް ނުވަތަ ހަވަނަ އަށް ހިނގައިދާނެ."

ޖޫން 2004ގައި މޮރީނިއޯ ޗެލްސީއާ ގުޅުނުފަހުން އޭނާ ވަނީ، ޕްރިމިއާ ލީގު ދެފަހަރު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ. އަދި އެފަހަރު އާނާ ޗެލްސީގައި ހޭދަކުރި ފަހު ސީޒަންގެ ލީގް ޓްރޮފީ މެންޗެސްޓާ ޔުނައިޓެޑް އުފުލައިލީ ސްޓެމްފޮޑް ބްރިޖްގައި ޗެލްސީ ބަލިކުރުމަށް ފަހު އެވެ.

މެންޗެސްޓާ ސިޓީ 2012 ވަނަ އަހަރު ލީގު ކާމިޔާބު ކުރުމާ ހަމައަށް 2005 އިން 2011 ވަނަ އަހަރާ ދެމެދު، އެ ޓްރޮފީ ހޯދާފައިވަނީ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް އެވެ.

"އަހަރެންގެ ފުރަތަނަ ޗެލްސީއާ ހަވާލުވި އިރު، ޓްރޮފީ ރޭހުގައި އުޅެނީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ. އެއީ ޝައްކެއްވެސް ނެތް ގޮތުގައި އެދުވަސްވަރު ލީގުގައި އޮތް އެންމެ މޮޅު ދެޓީމް،" މޮރީނިއޯ ބުންޏެވެ. "އެންމެ ފަހުން ރަތާއި ނުލުގެ ވާދަވެރިކަން 2012 ވަނަ އަހަރު މެންޗެސްޓާ ސިޓީއިން ނިމުމަކަށް ގެނައި. މިހާރު މިވަނީ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައި."

ލީގު ތާވަލުގެ ދެވަނައިގައި މިވަގުތު އޮތް ޓޮޓެންހަމްއާ ދެކޮޅަށް މިއަދު ވައިޓްހާޓްލޭން ގައި ޗެލްސީ ނުކުންނައިރު އެޓީމް އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ.

"އެންމެ ފަހުން މިހާރު ލީގުގައި ހަޓީމު އެބަ ވާދަކުރޭ ޓައިޓްލްއަށް. އެއީ ރަނގަޅު ފާލެއް އަދި މި ލީގުގެ ފުރިހަމަ ކަން. މިގޮތަށް ވާދަވެރިކޮށް އޮތުން ރަނގަޅީވެސް،" ޗެލްސީގެ ކޯޗު ބުންޏެވެ.

މޮރީނިއޯގެ އިތުރުން އާސެނަލްގެ ކޯޗު އާސީން ވެންގާވެސް ވަނީ، މިފަހަރު ލީގު ކާމިޔާބު ކުރުމުގެ ރޭހުގައި ހަ ޓީމު ވާދަކުރާނޭ ކަމަށް ބުނެފަ އެވެ. އެއީ ލިވަޕޫލް، ޓޮޓެންހަމް، މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، މެންޗެސްޓާ ސިޓީ އަދި އާސެނަލް އެވެ.