28 Sep 2013, 11:06
އިޓާލިއަން ލީގުގައި ރޭ ފިރޮއެންޓީނާ އަތުން 2-1 ލަނޑުން އިންޓަމިލާން މޮޅުވެއްޖެ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ފިއޮރެންޓީއިންނެވެ. އެލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ފިއޮރެންޓީއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ގިސެއްޕޭ ރޮސީ އެވެ.
ރޭގެ މެޗުގައި އިންޓަމިލާނަށް އެއްވަރު ކޮށްދިން ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެސްޓަބާން ކަމްބިއާސޯ އެވެ. އަދި މެޗުގައި އިންޓަ މިލާން މޮޅު ކޮށްދިން ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޮނަތަން އެވެ.
ރޭގެ މެޗުން އިންޓަ މިލާން މޮޅުވުމުން އެޓީމް ވަނީ 13 ޕޮއިންޓާ އެކު ލީގުގެ ދެ ވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި ލީގުގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ރޯމާ އެވެ. ލީގުގެ ތިން ވަނަ މަގާމްގައި އިންޓަ މިލާންއާއ އެއްވަރަށް ޕޮއިންޓު ހޯދައިގެން އޮތީ ނަޕޯލީ އެވެ. އިންޓަމިލާނަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.