28 Sep 2013, 10:36
ދި ޓީވީ އަށާއި ފަރީދުމަގުގައި ހުންނަ ދިރާގު އޮފީހަށާއި ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީހަށް ރޭ ބަޔަކު ގަލުން ހަމަލާދީ ބިއްލޫރިތައް ތަޅާލުމަށް މަސައްކަތްކޮށްފި އެވެ.
ފުލުހުން ބުނީ ދި ޓީވީގެ އިމާރާތަށާއި ދިރާގުގެ އިމާރަތަށް ގާ އުކާފައިވީ ނަމަވެސް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާ ކަމަށެވެ. އެމްޑީޕީ އޮފީހަށް ދިން ހަމަލާގައި އެ އޮފީހުގެ ދޮރުގެ ބިއްލޫރިގަނޑު ކޮންމެ ވެސް ވަރަކަށް ތަޅައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 3:00 އެހާކަންހާ އިރު ދި ޓީވީ ހިންގަމުންދާ އިމާރާތަށް ގެއްލުން ދިނުމަށް މަސައްކަތްކޮށްފައި ވަނީ މޫނުނިވާކޮށްފައި ހުރި މީހެއް ކަމަށެވެ. އަދި އޭގެ ފަހުން ދަންވަރު 3:30 އެހާކަންހާއިރު ދިރާގު ހެޑް އޮފީސް އިމާރާތަށް ގެއްލުން ދިނުމަށް މަސައްކަތްކޮށްފައި ވަނީ ސައިކަލްގައި ދިޔަ ދެ މީހެއް ކަމަށް ވެސް ފުލުހުންބުންޏެވެ.
ނަމަވެސް އެކަންކަމާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިއެއްނުވެ އެވެ.
އަލިމަސް ކާނިވާ ތެރޭގައި ޕާކުކޮށްފައި އޮތް ދެ ވޭނެއްގައި ވެސް ރޭ ވަނީ ރޯކޮށްލާފަ އެވެ.