އިލެކްޝަންސް ކޮމިޝަނުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައިވާ ކަމަށާއި އެކަން އޮގޮތަށް ކުރީ ބަޔަކު އެތަނަށް ގެއްލުން ދީފާނެތީ ކަމަށް ކަމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރިޔާޒު އިއްޔެ ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ އޮފީހާއި އެއޮފީސް ހުންނަ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައިވީ ނަމަވެސް ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން ވަދެ ނުކުމެ ހެދުމަށް ފުލުހުން ހުރަސް ނާޅާނެ ކަމަށެވެ. ރިޔާރު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގަ އެވެ.

"ދެހާސް ތޭރަ، ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރިކަން އިއުލާންކުރުމާއި، އަދި މިވަގުތު މާލޭގެ ސަލާމަތީ ކަންތައްތައް ހުރި ގޮތުން އިލެކްޝަންސް ކޮމިޝަނުގެ އެނިންމުމާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަންގެ އޮފީހަށް ގެއްލުމެއް ދީފާނެކަމަށް ޓަކައި އިލެކްޝަންސް ކޮމިޝަނުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން މިސާވިސް އިން ވާނީ އިތުރަށް ވަރުގަދަކޮށްފަ އެވެ،" ރިޔާޒުގެ ސިޓީގައިވެ އެވެ.

ރިޔާޒު އަދި ވިދާޅުވެފައި ވަނީ ސަލާމަތީ ކަންތައްތައް މިހާރުވަރު ގަދަ ކޮށްފައި އޮތް އޮތުން މިއަދުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި މުއްދަތު އިތުރުކުރާ ނަމަ ލިއުމުން އަންގާނެ ކަމަށެވެ.