28 Sep 2013, 10:05
އެކްސިޑެންޓެއްގައި ނޭފަތް ހަލާކުވެފައިވާ ޗައިނާގެ ޒުވާނެއްގެ ނޭފަތުގެ ބަދަލުގައި މަހާއި ހަމާއި ކާޓިލޭޖްގެ ޓިޝޫތައް އެކުލެވޭގޮތަށް އައު ނޭފަތެއް ތައްޔާރުކޮށް (ތަޖްރިބާ ކުރުމުގެ ގޮތުން) އެ ނޭފަތް އެމީހާގެ ނިއްކުރީގައި އިންދުމުގައި ޗައިނާގެ ޑޮކްޓަރުން ކާމިޔާބު ހޯދައިފި އެވެ.
މިއޮޕަރޭޝަންކުރި ޗައިނާގެ ޑޮކްޓަރުން ބުނިގޮތުގައި މަހާއި ހަމާއި ކާޓިލޭޖް ޓިޝޫތައް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އައުނޭފަތް، ޗާވްލިޔާން ނަމަކަށް ކިޔާ މިމީހާގެ ނިއްކުރީގައި އިންދުމުގެ ބޭނުމަކީ އެނޭފަތް އޭނާގެ އަސްލު ނޭފަތްހުރި ތަނަށް ބަދަލުކުރުމުގެ ކުރިން އޭނާގެ ލެއާޓިޝޫތަކާ އެ ނޭފަތް ގުޅުވުމުގައި އެއްވެސް މައްސަލައެއް ކުރިމަތިވޭތޯ ބަލައި ދިރާސާ ކުރުމެވެ. އުމުރުން 22 އަހަރުގެ ޗާވްލިޔާންގެ ނޭފަތް ހަލާކުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. މިއެކްސިޑެންޓްގައި ޗާވްލިޔާންގެ ނޭފަތުގެ ކާޓިލޭޖް ޓިޝޫތައް އެއްކޮށް ހަލާކުވެ މަހުގެ ޓިޝޫތަކުގެ ބޮޑުބައެއްވެސްވަނީ ހަލާކުވެފަ އެވެ.
ޗާވްލިޔާންގެ ހަލާކުވި ނޭފަތް ވަގުތީ ގޮތުން އޮޕަރޭޝަންކޮށް ޕްލާސްޓިކް ސާޖަރީ ހަދާފައިވީ ނަމަވެސް އެނޭފަތުގައި ކާޓިލޭޖް ޓިޝޫތައް ނެތުމުން ނޭފަތުގެ ބައްޓަން ހުތުރުވެފައި ނޭފަތުގެ ވަޒީފާ ވެސް ފުރިހަމައަށް އަދާނުކުރާކަމަށް ވެ އެވެ. ހަލާކުވި ނޭފަތުގެ ބަދަލުގައި އަލަށް ތައްޔާރުކުރި ނޭފަތް (ތަޖްރިބާ ކުރުމުގެ ގޮތުން ނިއްކުރީގައި އިންދި ނޭފަތު)ގައި މަހާއި ހަމުގެ ޓިޝޫތަކުގެ އިތުރުން އަސްލު ނޭފަތުގައި ހުންނަ ކާޓިލޭޖް ޓިޝޫތައް ވެސް ހުރެ އެވެ. އަދި މިއީ އޭނާގެ ހަލާކުވީ ނޭފަތާ މުޅިން އެއްގޮތް ނޭފަތެއް ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.
އަލަށް ތައްޔާރުކުރި ނޭފަތަށް ލައްވާފައިވާ ކާޓިލޭޖް ޓިޝޫތައް ނަގާފައި ވަނީ ކާޓިލޭޖް ހުންނަ އޭނާގެ އެހެން ގުނަވަނަކަށް ގެއްލުންނުވާނެ ގޮތަކަށް އެގުނަވަނުންނެވެ. ނިއްކުރީގައި އިންދާފައިވާ ނޭފަތް އޭނާގެ އަސްލު ނޭފަތް މިހާރު ހުރިތަނުގައި ޓްރާންޕްލާންޓް ކުރުމަށް (އިންދުމަށް) ހަމަޖެހިފައި ވަނީ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އައު ނޭފަތް ތައްޔާރު ކުރުމާއި މިކަމާ ބެހޭ މިއޮޕަރޭޝަންތައް ކުރިޔަށް ގެންދަނީ ޗައިނާގެ ފޫޖިޔާން ސަރަހައްދުގެ ފުޒްހޯ ހޮސްޕިޓަލުގަ އެވެ. (ރޮއިޓާސް)