ނިޔުޔޯކް (ސެޕްޓެމްބަރ 28): އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އީރާނުގެ ރައީސް ޑރ. ޙަސަން ރޫހާނީ އާއި ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވައިފި އެވެ.

މިއީ 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންޤިލާބަށްފަހު އެމެރިކާގެ ރައީސަކު އީރާނުގެ ރައީސަކާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ. އޮބާމާ އީރާނުގެ ރައީސާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ދެގައުމުގެ ގުޅުންތައް ރަނގަނޅު ކުރެވޭނެ މާޙައުލެއް އުފެއްދުމާބެހޭގޮތުންނާއި އީރާނުގެ ނިއުކްލިޔާ މައްސަލައާބެހޭ ގޮތުން ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ.

އީރާނާއި އެމެރިކާއާ ދެމެދުގައި ހުރި ޒަމާންވީ މައްސަލަތަކާއި އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި އެމެރިކާގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އީރާނަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރުން އީރާނުގެ ވެރިކަން ވައްޓާލުމަށް އެމެރިކާ ރާވާފައިވާ ރޭވުންތަކާއި ހިންގާފައިވާ އުދުވާންތަކުގެ ސަބަބުން ދެގައުމުގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައި ކަމަށް މުރާސިލުން ބުނެ އެވެ.

އޮބާމާ، އީރާނުގެ ރައީސާ ފޯނުން ގުޅުއްވާފައި މި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ، އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް އާ ނިއުޔޯކްގައި ބައްދަލުކުރައްވާފައި ވަނިކޮށެވެ. މިއީވެސް 1979 ވަނަ އަހަރަށް ފަހު އީރާނުގެ ޚާރިޖީ ވަޒީރަކާ އެމެރިކާގެ ޚާރިޖީ ވަޒީރަކު ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. އޮބާމާ، އީރާނުގެ ރައީސް އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައި މިވަނީ މިހާރު ކުރިޔަށްދާ އދ.ގެ ޖެނެރަލް އެސެމްބްލީގެ 68 ވަނަ ސެޝަންގެ އަރިމަތީގައި އޮބާމާ އާ ބައްދަލުކުރެއްވުމަށް ވައިޓް ހައުސްއިން އެދުމުން އީރާނުގެ ރައީސް އޮބާމާއާ ބައްދަލުކުރައްވަން ފަސްޖެހިވަޑައިގެންފައި ވަނިކޮށެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަޤްރީރު ކުރެއްވުމަށް އީރާނުގެ ރައީސް އަދިވެސް ހުންނެވީ ނިޔުޔޯކްގަ އެވެ.

ޑރ. ރޫޙާނީ އާ ނިޔުޔޯކްގައި ސީދާ ގޮތެއްގައި ބައްދަލުކުރެއްވުމަށް އޮބާމާގެ އެދިވަޑައިގަތުމުން ރޫހާނީ އެކަމަށް ފަސްޖެހިވަޑައި ގަތީ އެމެރިކާ ފަދަ އީރާނާ ދެކޮޅަށް ބިރުދައްކައި ހަރުކަށިކަން ކުރިޔަށް ނެރޭ އަދި އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންގެންދާ ގައުމެއްގެ ރައީސަކާ ކުއްލިއަކަށް ބައްދަލުކުރެއްވުމަކީ އެކަމުގެ ސަބަބުން އީރާނުގެ އެތެރޭގައި ޚިޔާލު ތަފާތުވެ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަކަށް ވާތީ ކަމަށް ވަނީ ބެލެވިފަ އެވެ.
އޮބާމާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން އެކަމަށް އެންމެ އެކަށޭނަ އަދި އެންމެ މުނާސަބު ވަގުތު އަދި ނުޖެހޭ ކަމަށާ އެވަގުތު ޖެހުމުން އެމެރިކާގެ ރައީސް އާ ބައްދަލުކުރައްވާނެ ކަމަށް ރޫޙާނީ ވިދާޅުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޫހާނީ އަކީ އޮބާމާގެ އިތުރުން ހުޅަނގުގެ އެހެން ލީޑަރުން ވެސް އިތުބާރުކުރައްވާ ބޭފުޅެކެވެ. އީރާނުގެ ކުރީގެ ރައީސް އަހްމަދީ ނެޖާދާ ޚިލާފަށް މިހާރުގެ ރައީސް ޑރ. ރޫޙާނީ އަކީ މަޑުމައިތިރި ސިޔާސަތުތަކެއްގެ ވެރި ބޭފުޅެއް ކަމަށް އެމެރިކާ އާއި ޔޫރަޕުން ސިފަކުރެ އެވެ.

އޮބާމާ ދާދިފަހުން ވަނީ ރޫހާނީއަށް ސިޓީ އެއްވެސް ފޮނުއްވާފަ އެވެ. ހުޅަނގާ ގާތްވުމުގައި އީރާން މިހާރު ބޭނުންކުރާ ޑިޕްލޮމަސީއަކީ މަކަރުވެރި ޑިޕްލޮމަސީއެއް ކަމަށާ މިކަމުގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހުރި ހުރަސްތައް ނައްތާލައި ހުޅަނގުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވުންކަމަށާ އީރާނުގެ މިޑިޕްލޮމަސީ ކާމިޔާބުވުމަކީ އިސްރާއީލަށް ހުރި ވަރަށް ބޮޑު ބިރެއްކަމަށް ވިދާޅުވެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ އެމެރިކާއަށް އިންޒާރު ކުރައްވާފަ އެވެ.

އީރާނުގެ އިތުރުން އީރާނާދެކޮޅަށް ހުޅަނގުން ރާވާ ރޭވުންތަކުގައި ބައިވެރިވާ ގަލްފުގެ އަރަބި ބައެއް ގައުމުތައް ވެސް ވަނީ އީރާނާއި ހުޅަނގުގެ ގައުމުތައް ގާތްވަމުންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އީރާނުގެ އިސްލާމީ އިންގިލާބުގެ ކުރީކޮޅު އެއިންގިލާބުގެ ވެރިކަން ވައްޓާލުމަށްޓަކައި އެމެރިކާ ފަހަތުގައި އޮވެގެން ޢިރާޤު ލައްވައި އީރާނާ ދެކޮޅަށްކުރުވި 8 އަހަރުގެ ދިގުލީ ހަނގުރާމަ އަށް ފައިސާ ޚަރަދުކޮށްފައި ވަނީ ތެލުގެ ގޮތުން މުއްސަނދި ގަލްފުގެ އަރަބި ގައުމުތަކުންނެވެ. މީގެއިތުރުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާނަށް ބިރުދެއްކުމަށް ޓަކައި ގަލްފުގެ ކަނޑަށް އެމެރިކާގެ ޢަސްކަރީ ބާރުތައް ވެއްދުމުގައި ވެސް ގަލްފުގެ ގައުމުތަކުގެ ދައުރު ވަރަށް ބޮޑެވެ.

އީރާނަކީ ގަލްފުގެ ކުދި އަރަބި ގައުމުތަކަށްވުރެ އާބާދީއާއި ޢިލްމާއި ޓެކްނޮލޮޖީ އާއި އެނޫން ވެސް ވަސީލަތްތައް މާގިނަ މާބާރުގަދަ ސަރަހައްދީ ފެންވަރުގައި ވެސް ނުފޫޒު ބޮޑު ބިޔަ ގައުމެއްކަމުން އެގައުމުތަކަށް ވުރެ އީރާނުގެ މުހިއްމުކަން އެމެރިކާއަށާއި ހުޅަނގަށް މާބޮޑު ކަމަށް މުރާސިލުން ބުނެ އެވެ. އީރާން ހުޅަނގާ ގާތްވަމުން ދިޔަ ނަމަވެސް އެކަންކުރަނީ އީރާނުގެ ގައުމީ މަސްލަޙަތު ކުރިޔަށް ނެރެ ބާރުގަދަ ގައުމެއްގެ ގޮތުގައި އޮވެގެން ކަމަށާ ޔޫރޭނިޔަމް ފައްކާކުރުން ފަދަ ނިއުކްލިޔަރ ހައްގުތަކުގެ ކުޑަމިންވަރެއް ނަމަވެސް އީރާން ދޫކޮށް ނުލާނެ ކަމަށް އދ.ގައި ދެއްވި ޚިތާބުގައި އީރާނުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)