28 Sep 2013, 01:02
ގައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށްފަހު ލައިސަންސް ބާތިލްކުރުމަށްޓަކައި ކޯޓަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބާ ގުޅިގެން ސިޔާސީ ގޮތުން ގައުމު ހަލަބޮލިވަމުންދާ މި ދަނޑިވަޅުގައި، ގައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ހަގީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރާ ކަމަށް އެ ކޮމިޝަނަށް ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ވެސް އެއްބާރުލުން ދެއްވުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިހާރު އުފެދެމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބަދަލުހިފުމުގެ ރޫހު އުފެދި، ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާ ރައްދުނުކުރުމަށާއި ބްރޯޑްކާސްޓިން ސްޓޭޝަންތަކާއި، އެ ފަރާތްތަކުގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބޭ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.