28 Sep 2013, 00:36
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މަދާމާ އޮންނާނެ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ބައެއް މިޑިއާތަކަށް އިންޓަވައު ދެއްވުމަކީ ކޮމިޝަންގެ އަގު ވެއްޔާއި މޮޑެވިގެންދާ ފަދަ އަމަލެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ސުޕްރީމް ކޯޓުގެ އަމުރުތަކަކީ ހުރިހާ ފަރާތްތަކުން ވެސް އެއަށް ތަބާވެ އަމަލު ކުރުން ލާޒިމް އެއްޗެއް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވެ އެއަށް އަމަލު ކުރަންޖެހޭކަން ފުވާދަށް ވިސްނިވަޑައިނުގަތުމަކީ އޭނާ އަކީ އެފަދަ ޒިންމާދާރު މަގާމެއްގައި ހުންނަވަން ނުކުޅެދި ވަޑައިގަންނަވާ ބޭފުޅެއްކަން ސާބިތުވާ ހެއްކެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މާދަމާ އޮންނާނެ ކަމަށް ފުވާދު ވިދާޅުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހުކުމާއެއްގޮތަށް އިންތިޚާބު ފަސްކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ނާއިބް ރައީސް އަހްމަދު ފަޔާޒު ހަސަން ވިދާޅުވުމަކީ އެ ކޮމިޝަންގެ ކަންކަން ހިނގަނީ ޑިމޮކްރެޓިކް އުސޫލާ ދިމާ އިދިކޮޅަށް ކަން ރައްޔިތުންނަށް ހަމާވެގެން ދިޔަ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރެފައިވާ ކޯޓު އަމުރާއި ޚިލާފަށް އެއްވެސް އަމަލެއް ހިންގުމަކީ ގާނޫނު އަސާސީންނާއި ކޯޓުތަކުގެ ގާނޫނުން އެއްވެސް މުއައްސަސާއަކަށް އަދި ފަރުދަކަށް ވެސް ލިބިދެވޭ ހައްގެއް ނޫންކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ދެން ކުރިއަށް ގެންދެވޭނީ ލިސްޓުތައް ސައްޚަކޮށް ވަކިފަރާތަކަށް ނުޖެހޭ އުސޫލުތަކެއްގެ މަތިން ދެފުށް ފެންނަ ގޮތަށް އިންތިޒާމްތައް ހަމަޖެހިގެން ކަމަށެވެ.