ފުލުހުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު މިއަދު ހަވީރު ހިނގި ހަމަނުޖެހުން ވީޑިއޯ ކުރަން އުޅެނިކޮށް، އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަވީރުގެ ކެމެރާމޭން ފުލުހުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު ހައްޔަރު ކުރި ހަވީރުގެ ކެމެރާމޭން މުހަންމަދު ސާޖިދު މިރޭ ދޫކޮށްލީ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށެވެ. އިތުރު އެއްޗެއް ފުލުހުން ނުބުންޏެވެ.

ސާޖިދު "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާ ހައްޔަރު ކުރުމަށްފަހު ޔޫރިން ވެސް ނެގި ކަމަށާއި އޭނާއާ މެދު ފުލުހުން އަމަލު ކުރީ ހައްޔަރު ކުރާ އެންމެންނާ މެދު ވެސް އަމަލު ކުރާ ގޮތަށް ކަމަށެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރިޔަސް، އެމްޑީޕީގެ އެއްވުމުގައި ހިނގި ހަމަނުޖެހުމުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންކަން ދައްކާފައި ނުވާނެ ކަމަށް ސާޖިދު ބުންޏެވެ.

"ޝިލްޑުތަކުގެ ކުރިއަށް ނާރައި، އެތެރެއަށް [ފުލުހުންގެ ފަހަތަށް] ޖެހުމަށް ފުލުހުން އަހަރެން ކައިރީގައި ބުނި. ގެއްލުމެއް ލިބިއްޖެއްޔާ ޒިންމާ ނުވާނެމޭ ވެސް ބުނި. އަހަރެން ބުނީ އެތަން ވީޑިއޯ ކުރަން ޖެހޭތީ ޝިލްޑުތަކުގެ ކުރިމަތީގައި މަޑުކޮށްލައިގެންނޭ މިހުރީ. ދެން އިރުކޮޅަކުން ހައްޔަރު ކުރީ،" ސާޖިދު ބުންޏެވެ.

ސާޖިދު މިރޭ ދޫކޮށްލާފައި ވަނީ އޭނާ ހައްޔަރުން ދޫކޮށްލުމަށް ފުލުސް އޮފީހުގައި މީޑިއާ ކައުންސިލުން އެދިފައިވަނިކޮށެވެ.