27 Sep 2013, 22:29
އަލިމަސް ކާނިވާ ތެރޭގައި ޕާކުކޮށްފައި އޮތް ދެ ވޭނެއްގައި މިރޭ ރޯކޮށްލައިފި އެވެ.
ކާނިވަލުގައި ޕާކުކޮށްފައި އޮތް ދެ ވޭނެއްގައި މިރޭ 10:20 އެހާކަންހާއިރު އަލިފާން ރޫކޮށްލުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަހަރައްދަށް ގޮސް އެ ދެ ވޭނުގައި ރޯވި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭ ނިއްވާލާފަ އެވެ. އަލިފާން ނިއްވާލިއިރު، އެ ދެ ވޭން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ވޭނުގައި ރޯކޮށްލީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކާނިވަލުގައި ޕާކުކޮށްފައި އޮތް ދެ ވޭނެއްގައި މިރޭ ރޯކޮށްލާފައިވާއިރު، މިދިޔަ ހޯމަ ދުވަހު ވަނީ އިމާދުއްދީން ސްކޫލް ކައިރީގައި މަރާމާތައް ބާއްވާފައި އޮތް ޓެކްސީއެއްގައި ރޯކޮށްލާފަ އެވެ. އަދި ހަމަ އެ ދުވަހުގެ ފަތިހު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބޭފުޅު، މުހައްމަދު ޝާހިދުގެ ކާރުކޮޅުގައި ރޯކޮށްލާފަ އެވެ.
މާލެތެރެ ހަލަބޮލިވެގެންދާ ކޮންމެ ވެސް ފަހަރަކު އަލިފާނުގެ ހާދިސާ ހިނގުމަކީ އާންމު ކަމެކެވެ.