އެމްޑީޕީން މިއަދު ހަވީރު މާލޭގައި ކުރި މުޒާހަރާގައި ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިޝާރާތް ކުރައްވާ ވީޑިއޯއެއް ދިޓީވީން އާންމުކޮށްފި އެވެ.

ދިޓީވީން އާންމު ކުރި 2:42 މިނިޓުގެ އެ ވީޑިއޯ އިން ފުރަތަމަ ފެންނަނީ އޯކިޑުމަގު ސަލްސާ ރެސްޓޯރަންޓް ހުންނަ ސަރަހައްދުގައި މަގު ބަންދު ކުރުމަށް ސިފައިން ބަހައްޓާފައިވާ ރޯޑު ބްލޮކްތައް ދުރަށް ޖެއްސުމަށް ފަހު ޝީލްޑު ހިފައިގެން ތިބި ސިފައިންނާ ދިމާލަށް އެމްޑީޕީ ސަޕޯޓަރުންދާ މަންޒަރެވެ.

އެމްޑީޕީގެ ސަޕޯޓަރުން ސިފައިންނާ ދިމާލަށް ދިޔަ އިރު ސިފައިންގެ ސަފުތަކުގެ ކުރިމަތީގައި އޮތް އެމްޑީޕީގެ ޕިކަޕްގެ ކައިރީގައި ނަޝީދު ހުންނަވާ މަންޒަރު ފެނެ އެވެ. އެވަގުތު އެމްޑީޕީގެ ސަޕޯޓަރުން އަތުންނާއި ފައިން ސިފައިންގެ ޝީލްޑުތަކުގައި ތަޅާ މަންޒަރު ވެސް ފެނެ އެވެ.

އެމްޑީޕީގެ ދިދަނަގާފައިވާ ޕިކަޕް ކައިރީގައި ހުންނަވައި އަތުގެ އިޝާރާތުން ސިފައިންގެ ޝިލްޑުތައް ފަޅާލުމަށް ފަހު އެތެރެއަށް ވަދެގަތުމަށް ސަޕޯޓަރުންނަށް ނަޝީދު އަންގަވާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. ނަޝީދުގެ އިޝާރާތާ އެކު އެމްޑީޕީ ސަޕޯޓަރުން ޕިކަޕް ކޮށްޕާލައި ފުލުހުންގެ ސަފުތައް ފަޅާލައި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ހިލާލީގެއާ ދިމާލަށްދާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.


:http://www.youtube.com/watch?v=6Lt9N4RIx3c&feature=youtu.be