27 Sep 2013, 19:49
އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަމާއި ސުލްޙަވެރިކަމާއި ގާނޫނީ އިމުގެތެރެއިން އަމަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީންނާއި ދިވެހި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގަރާރުތަކުން ކަށަވަރުކޮށްދޭ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ދިވެހި ފުލުހުންނާއި ސިފައިނަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލާ ކަމަށެވެ. އަދި އެފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި އެއްވެސް ފަރާތަކަށް އަނިޔާވެރި ލާއިންސާނީ، ދަށުދަރަޖައިގެ އަމަލެއް ނުވަތަ އަދަބެއް ނުދިނުމަށް އެ ކޮމިޝަނުން ގޮވާލާ ކަމަށް ބުނެފައިވެ އެވެ.
"އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަމާއި ސުލްޙަވެރިކަމާއި ގާނޫނީ އިމުގެތެރެއިން އަމަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ މިދަނޑިވަޅުގައި މިޑީޔާތަކުގެ މިނިވަންކަން ބޭނުން ކުރުމުގައި ގައުމީ މަސްލަހަތު އިސްކޮށް ހަމަނުޖެހުމަށް ތަން ނުދިނުމަށް އެންމެހާ ފަރާތްތަކަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.