27 Sep 2013, 18:10
އެމްޑީޕީން މިއަދު ހަވީރު މާލޭގެ މަގުތަކުގައި ބޭއްވި މުޒާހަރާގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަންނަން މަސައްކަތްކުރި ބައެއް މީހުން ހައްޔަރުކޮށްފި އެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ ފުލުހުން ހައްޔަރުކޮށްފައި ވަނީ އޯކިޑްމަގު ސަލްސާ ރޯޔަލް ކައިރީގައި ތިބި ފުލުހުންގެ ސަފު ފޫއަޅުވާލައި ވަންނަން މަސައްކަތްކުރި ބައެއް ކަމަށެވެ.
އޭނާ ބުނީ އެ ސަރަހައްދުން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ހަވީރުގެ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ސާޖިދު ވެސް ހިމެނޭ ކަމަށް އެ ނޫސްވެރިޔާ ބުންޏެވެ.
"ފުލުހުން އޮތީ ސަލްސާ ރޯޔަލް ކަންމަތިން ފެށިގެން ބަންދުކޮށްފައި. އެ ސަރަހައްދުގައި ތިބި ފުލުހުންގެ ސަފު ފޫއަޅުވާލައި ވަންނަން އުޅުމުން ފުލުހުން ހައްޔަރުކުރި. އެ ވަގުތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވި. ނަމަވެސް ނަޝީދު ވަނީ އެ ސަރަހައްދުން ވަޑައިގެންފައި،" އޭނާ ބުންޏެވެ.