24 Nov 2010, 07:52
ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމިނުތިއްބެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
އެ މައްސަލަ ދެންމެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދާއި ޕީއޭގެ ޑިޕިއުޓީ ލީޑަރު މޫސާ ޒަމީރެވެ. އެ ދެ ބޭފުޅުންގެ ވަކީލަކީ މަޝްހޫރު ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރެވެ.
މި މައްސަލަގެ ދައުވާގައި ބުނެފައި ވަނީ ރުހުން ނުލިބޭ ވަޒީރުން މާގަމުގައި ދެމި ނުތިބެވޭނެ ކަމަށް ކަނޑަ އަޅައިދިނުމަށާއި ރުހުން ނިލިބި މަގާމުގައި ތިބުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
އަދި ބުނެފައި ވަނީ ވަޒީރުންގެ މަގާމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ބޭފުޅުންތަކެއް ތިއްބަވާނަމަ އެއީ ގާނޫނީ ގޮތުންނާއި ސަލާމަތީ ގޮތުންނާއި ދުސްރީ ގޮތުންނާއި މާލީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުން ދައުލަތަށް ލިބިދާނެ ކަމެއް ކަމަށެވެ.
އާޒިމާ ޝަކޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމި ނުތިއްބެވޭނެ ކަމަށް ރާއްޖޭގެ ގާނޫނީ ހުރިހާ ތަޖުރިބާކާރުން ބުނަމުންދާއިރު އަދި ރުހުން ނެތް ބަންޑާރަ ނައިބަކު ހުރުމުން ދައުލަތް ތަމްސީލު ކުރާ މައްސަލަތައް ސިވިލް ކޯޓުގައި ނުހިންގާނެ ކަމަށް އެ ކޯޓުން ރޫލިން އެއް ނެރެފައި ވަނިކޮށް ރުހުންނެތް ވަޒީރުން، ވުރާޒާރަކުގެ ވަޒީރުންގެ މަސްއޫލިއްޔަތު އަދާކުރަމުން ދިއުމަކީ ދިވެހި ދައުލަތަށް ނޫފުލޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ.
"އެހެންވީމާ މި ހަރުހަލާގައި ސުޕްރީމް ކޯޓުން ޖެހޭ ވީހާވެސް އަވަހާ މިކަމަށް ގޮތެއް ނިންމައިދޭން. އެއީ ކޮންމެ ގޮތަކަށް ނިންމެވި ކަމުގައި ވިޔަސް އެންމެ މަތީ މަރުހަލާއިން މި ދައުލަތަށް މިކަމުގައި ގޮތެއް ނިންމައިދޭން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" އާޒިމާ ވިދާޅުވި އެވެ.
ރައްޔިތުންތުންގެ މަޖިލީހުގެ ރުހުން ލިބައި ނުވާ ވަޒީރުންނަކީ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ފައިނޭންސް މިނިސްޓަރު އަލީ ހާޝިމެވެ.