10:00


ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ މަޢުލޫމާތު، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ސަޢޫދީޢަރަބިއްޔާގެ ރިޔާޒް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީއަށް ދެއްވައިފި އެވެ.


ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސަށް އެހީތެރިކަން ހޯއްދެވުމަށްޓަކައި ނައިބު ރައީސް، ސަޢޫދީޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރިޔާޒްގެ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ޗެއަރމަން ޑޮކްޓަރ ޢަބްދުއްރަޙްމާން އަލް ޖުރޭސީއާއި އެ ޗެމްބަރގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖެއަށް އިންވެސްޓްމަންޓް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މިގޮތުން، ގެދޮރުއެޅުމާއި ތަފާތު ޢުމްރާނީ މަސައްކަތްތަކާއި ޢާންމު ޚިދުމަތްތައް ފޯރުވައިދިނުމުގައި ދިވެހި ސަރުކާރާއެކު ބައިވެރިވާނެ ފަރާތްތައް ބޭނުންފުޅުވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ސަރުކާރުން ބޭނުންވަނީ ވިޔަފާރީގައި ސަރުކާރުގެ ދައުރު ވީހާވެސް ކުޑަކޮށް އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިދިނުން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ޑޯނަރ ކޮންފަރެންސާބެހޭ މަޢުލޫމާތުވެސް ނައިބު ރައީސް ދެއްވި އެވެ.


ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ޗެއަރމަން ޑޮކްޓަރ ޢަބްދުއްރަޙްމާން އަލް ޖުރޭސީ ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ އަދި ވިޔަފާރީގެ ރޮނގުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށްޓަކައި، ދެޤައުމުގެ ވިޔަފާރިވެރިންގެ ވަފްދުތަކުގެ ދަތުރުތައް ވަރަށް މުހިންމު ކަމުގައި ވިދާޅުވި އެވެ.