27 Sep 2013, 15:43
ކުރުނބާ ވިލެޖުން: އަޙްމަދު މުޖްތަބާ
އެގައުމެއްގެ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށް ނުދެވޭ ގައުމެއްގައި އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށް ނުދެވޭނޭ ކަމަށް ޑަބްލިޔުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ތާލިބް ރިފާއީ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކުރުނބާ ވިލެޖްގައިބޭއްވި ހާއްސާ ޖަލްސާ އަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރިފާއީ ވިދާޅުވީ، ޓޫރިޒަމްގެ ވަސީލަތްތައް ބޭނުން ކުރަން ޖެހޭނީ ހަމައެކަނި ހިދުމަތްދޭ ތަންތަނުގެ ކުރިއެރުމަށް ނޫން ކަމަށާއި އޭގެ ބޭނުން މުޅި ގައުމުގެ ތައްގީ އާއި ކުރިއެރުމަށް ބޭނުން ކުރަން ޖެހޭނޭ ކަމަށެވެ.
"ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވޭ އިންވެސްޓްމަންޓްތަކާއި ބިނާކުރެވޭ ތަންތަނާއި ގާއިމްކުރެވޭ ވަސީލަތްތައް ވެގެން ނުވާނެ ހަމައެކަނި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ކުރެވޭ ކަންތައްތަކެއް ކަމަށް. އެއީ ހަމަ އެކަނި އެކަންތައްތަކަށް މަގުފަހި ކުރުމަށް ކުރެވޭ ކަމެއް. ވިޔަފާރިތައް ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތަކެއް،" ރިފާއީ ވިދާޅުވި އެވެ.
ރިފާއީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރެވޭ އިންވެސްޓްމަންޓްތައް ވާން ޖެހޭނީ، ކޮންމެ ގައުމެއްގައި ވެސް މުޅި އެގައުމުގެ އެންމެހާ ރައްޔިތުންނަށް ފައިދާކުރާނޭ ގޮތަށް ކަންތައްތައް ފަހިކޮށްދިނުމަށް ބޭނުންކުރާ އުޅަނދުތަކެއް ކަމުގައި ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ބޭނުން ކޮށްގެން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ގެނެވިދާނޭ ކަމަށް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ވިދާޅުވި ވިދާޅުވުމާ ގުޅުވައިގެން ރިފާއީ ވިދާޅުވީ، އެމަނިކުފާނުގެ ވާހަކަފުޅުގައި ވެސް އަލިއަޅުއްވައިލެއްވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ގާއިމްކުރެވޭ ވަސީލަތްތައް މުޅި ގައުމުގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް ބޭނުންވާ އުޅަނދެއްގެ ގޮތުގައި ބޭނުން ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން އަތުގައި ރިސޯޓުތަކާއި އިންވެސްޓްމަންޓްތައް ހުރެފައި، އެތަންތަނުގައި ފެން ރައްކާތެރިކުރެވޭނޭ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރެވުމުން އަދި ދެކިގެން ނުވާނެ ހުރިހާ ޒިންމާއެއް ފުރިހަމަ ވީއޭ. އޭގެ ބަދަލުގައި އިތުރަށް ފެން އުފައްދާނޭ ގޮތްތައް ވެސް ގާއިމު ކުރަން ޖެހޭނެ އަދި އޭގެ ބޭނުން މުޅި ގައުމަށް ކުރާނޭ ގޮތްތައް ރާވަން ޖެހޭނެ،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. "އަޅުގަނޑުމެން ގާއިމްކުރާ ވަސީލަތްތަށް ވާން ޖެހޭނީ، ގައުމަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރަން ބޭނުން ކުރާ އުޅަނދުތަކެއް ކަމުގައި."
ރިފާއީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވޭ ހުރިހާ މަސައްކަތްތަކެއް ވެސް ކުރަން ޖެހޭނީ އޭގެ ފައިދާ އެގައުމެއްގެ އެންމެހައި ރައްޔިތުންނަށް ލިބޭނޭ ގޮތެއްގެ މަތިން ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ދުނިޔޭގެ ފަތުރުވެރިކަން ކުރިއަރައި ގައުމުތަކުގެ އިގްތިސާދުގެ އެންމެ އިސްރޯލެއް އަދާކުރަމުންދާއިރު ބައެއް ގައުމު ތަކުގައި ފަތުރުވެރިކަން ސިޔާސީ ފަރާތްތަކުބް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ކަމަށެވެ. އެހެން ކަމުން ފަތުރުވެރިކަމާ ސިޔާސީ ކަންކަމާ ނުބެއްސުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.