27 Sep 2013, 15:04
ނިޔުޔޯކް (ސެޕްޓެމްބަރ 27) : ސޫރިޔާގެ ކެމިކަލް ހަތިޔާރުތައް ނައްތާލުމާބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ބާރުގަދަ ގަރާރެއް ފާސްކުރުމަށް ދުނިޔޭގެ ބޮޑު ފަސްބާރުން އެއްގަލަކަށް އަރައިފި ކަމަށް އެމެރިކާ ބުނެފި އެވެ.
އދ.ގައި ހުންނަވާ އެމެރިކާގެ މަންދޫބާ ސަމަންތާ ޕަވަރ ވިދާޅުވީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރުތައް ނައްތާލުމަށް އެމެރިކާއާއި ރަޝިޔާ އެއްބަސްވި އެއްބަސްވުން ތަންފީޒުކުރުމަށް ބޭނުންވާ ބާރުގަދަ ގަރާރު ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ތާއީދުކުރުމަށް ރަޝިޔާއާއި ޗައިނާ މިހާރު އެއްބަސްވެފައިވާ ކަމުގަ އެވެ. ރަޝިޔާ އާއި ޗައިނާ މިކަމަށް އެއްބަސްވެފައިވަނީ އދ. ގެ ހެޑްކްއާޓަރުގައި އިއްޔެ ބޭއްވި ދުނިޔޭގެ ބޮޑު ފަސްބާރާއި ޖަރުމަނު ބައިވެރިވި ބައްދަލުވުމުގައި ކަމަށްވެސް ސަމަންތާ ވިދާޅުވި އެވެ. މިއެއްބަސްވުމުގެ ދަށުން އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރުމަށް ހަމަޖެހިފައި ވަނީ އދ. ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޗައިނާއާއި ރަޝިޔާ އިން މިކަން ކަށަވަރުކޮށެއްނުދެ އެވެ. އދ. ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ މައްޗަށް ރިޢާޔަތްކޮށްގެން ފާސްކުރާ ގަރާރުތަކަކީ އެއާ ޚިލާފުވެއްޖެ ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ބާރުގެ ބޭނުންކުރުމުގެ ހުއްދަލިބިދޭ ގަރާރުތަކެކެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކާއި ބާރުގެ ބޭނުންކުރެވޭނީ އެކަމަށް ޚާއްސަ ގަރާރުތަކެއް ފަހުން ފާސްކޮށްގެން ކަމަށް ޤާނޫނީ ތަޖްރިބާކާރުން ދެކެ އެވެ. ސޫރިޔާގެ ކެމިކަލް ހަތިޔާރު ނައްތާލުމަށް ޓަކައި އދ.ގެ ޗާޓަރުގެ 7 ވަނަ ޗެޕްޓަރުގެ މައްޗަށް ރިޢާޔަތްކޮށްގެން ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް ޗައިނާއާއި ރަޝިޔާ އެއްބަސްވުމަކީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ލަފާވެސް ކުރެވިފައިނުވާ ކަމެއް ކަމަށާ އިއްޔެގެ ބައްދަލުވުމުގައި އެދެގައުމުން މިކަމަށް އެއްބަސްވުމަކީ އެމެރިކާގެ ޑިޕްލޮމަސީ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށްވެސް ސަމަންތާ ވިދާޅުވިއެވެ.
ޑިޕޮލޮމޭޓުން ވިދާޅުވާގޮތުގައި މިހާރު ކުރިޔަށްދަނީ މިގަރާރުގެ ދެލިކޮޕީ ތައްޔާރު ކުރުމުގެ މަސައްކަތެވެ. މިމަސައްކަތް ނިމުމާއެކު މި ދެލިކޮޕީ ފާސްކުރުމަށްޓަކައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާނެއެވެ. ސޫރިޔާއަކީ އެމެރިކާއާއި ރަޝިޔާ ފިޔަވައި ދުނިޔޭގައި ކެމިކަލް ހަތިޔާރުގެ ސްޓޮކް އެންމެ ބޮޑު ގައުމުކަމަށާ ސޫރިޔާއިން ކެމިކަލް ހަތިޔާރު އުފައްދާ މިސައިލާއި ރޮކެޓްގައި އޭގެ ބޯ ހަރުކުރެވޭގޮތަށް ކެމިކަލް ހަތިޔާރުގެ އިންޑަސްޓްރީ ސޫރިޔާއިން ތަރައްޤީކޮށްފައިވަނީ އިސްރާއީލުގެ ނިއުކްލިޔަރ ހަތިޔާރާ ޢަސްކަރީ ތިލަފަތް ހަމަކުރުމުގެ ގޮތުންކަމަށް ވަނީ ބެލެވިފައެވެ.
ސޫރިޔާގެ ކެމިކަލް ހަތިޔާރަކީ އިސްރާއީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްނުރައްކާ ކަމަށްވާތީ އެހަތިޔާރުތައް ނައްތާލުމަކީ އެމެރިކާއާއި އިސްރާއީލު ދުރާލައި ރާވަމުން ގެންދާ ކަމެކެވެ. އިސްރާއީލަށް ނުރައްކާވާގޮތަށް ޢަރަބި ގައުމުތަކުގައި ހުރި ފަނާކުރަނިވި ހުރިހާ ހަތިޔާރުތަކެއް (ބާރުގެ ބޭނުންކޮށްގެންނާއި އދ. މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން) ނައްތާލުމުގައި އެމެރިކާއާއި އިސްރާއީލުވަނީ ކާމިޔާބު ހޯދާފައެވެ.
މިގޮތުން ޢިރާޤާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައިގެންނާއި ޢިރާޤަށް އަރައިގަނެގެން އެގައުމުގެ ކެމިކަލް ހަތިޔާރުތައް ނައްތާލައި ޢިރާޤު ބަލިކަށިކޮށް އިނދަޖައްސާލައި ވީރާނާ ކޮށްލާފައިވާއިރު ލިބިޔާގެ ކެމިކަލް ހަތިޔާރާއި ނިއުކްލިޔަރ މަރުކަޒުތައް ގައްޒާފީގެ ވެރިކަމުގައި އޭނާއަށް ބިރުދައްކައިގެން އެމެރިކާވަނީ ނައްތާލާފައެވެ. ސޫރިޔާގެ ކެމިކަލް ހަތިޔާރުތައް ނައްތާލުމަށް މަގުފަހިވެގެން ދިޔައީ މިދިޔަމަހު ދިމިޝްގުގެ ޣޫތާ ސަރަހައްދަށް ދިން ކެމިކަލް ޙަމަލާތަކުގައި ސޫރިޔާގެ އާންމުންގެ ދޮޅުހާހެއްހާ މީހުން މަރުވުމާ ގުޅިގެންނެވެ. މިއީ ސޫރިޔާ ސަރުކާރުން ދިން ޙަމަލާއެއްކަމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ބުނާއިރު ސޫރިޔާ ސަރުކާރުން ބުނަނީ މިއީ އެގައުމުގައިވާ ކެމިކަލް ހަތިޔާރުގެ ސްޓޮކް ނައްތާލުމަށް މަގުފަހި ކުރުމުގެ ގޮތުން އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާއަތަކުން ދިން ޙަމަލާއެއް ކަމުގައެވެ.
ހަނގުރާމަވެރިންގެ ޖަމާއަތަށް ކެމިކަލް ހަތިޔާރު ސިއްރިޔާތުގައި ފޯރުކޮށްދީފައިވަނީ ހުޅަނގުގެ ޖާސޫސީ އެޖެންޓުންކަމަށްވެސް ސޫރިޔާ ސަރުކާރުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ހަނގުރާމަވެރިން މިކަން ދޮގުކުރެއެވެ.
ޣޫތާއަށް ދިން ކެމިކަލް ހަތިޔާރުގެ ޙަމަލާއާއެކު ސޫރިޔާއާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އެމެރިކާ ދިނުމުން ރަޝިޔާ މެދުވެރިއެއްގެ ބައިއަދާކޮށްގެން ސޫރިޔާގެ ރުހުމާއެކު އެމެރކާއާއި ރަޝިޔާވަނީ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް އދ. ގެ ބެލުމުގެ ދަށަށްގެންގޮސް އެހަތިޔާރުތައް ނައްތާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުން ސޫރިޔާ ގަބޫލުކުރީ އެމެރިކާ ދީފާނެ ޢަސްކަރީ ޙަމަލާތަކަކުން ސަލާމަތް ވުމަށް ކަމަށްވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)