ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ސައުދީ އަރަބިއްޔާގައި ވޯޓުފޮއްޓެއް ނުބަހައްޓައިފި ނަމަ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ދައުވާކުރުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހުރިހާ މުހިންމު މަރުހަލާތަކެއް ކަޑައްތުކޮށް ތައްޔާރީތައް ނިމުނުފަހުން އެ ފޮށި ނުބަހެއްޓުމަށް އިލެކްޝަންސް އިން މަސައްކަތް ފަށާފައި ވަނީ އެ ފޮށީގެ ނަތީޖާ އިން ވަކި ކެންޑިޑޭޓަކަށް ގެއްލުންވާނެތީ ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

އެ ޕާޓީން ބުނީ ސައުދީގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ކަމަށެވެ. އަދި އެކަމަށް ޕީޕީއެމް އިން ތާއީދުކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

"މި ފޮށި ބެހެއްޓުމުގެ އެންމެ މުހިންމު އެއް ސަބަބަކީ ސައުދީގައި އަދި މެދު އިރުމަތީގެ އެހެން ގިނަ ގައުމުތަކުގައި ދިވެހި ޒުވާނުން މަތީ ތައުލީމް ހާސިލްކުރަމުންދާތީ އެ ބޭފުޅުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުން. ރިޔާޒުގައި ބަހައްޓަން ހަމަޖެހުނު ފޮއްޓަށް ރަޖިސްޓްރީ ވާން ޖެހޭ އަދަދަކީ 100 ކަމުގައިވީ ނަމަވެސް މި ފޮއްޓަށް ވަނީ 200 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައި،" ޕީޕީއެމް އިން ބުންޏެވެ.

އެ ޕާޓީން ބުނީ ރިޔާޒުގައި ފޮއްޓެއް ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރުމުގައި ދައްކާ ހުއްޖަތަކީ ވޯޓުލުމަށް ޓަކައި އެތަނަށް ޒިޔާރަތްކުރަން ޖެހޭ އެ ކޮމިޝަނުގެ އޮފިޝަލުންނަށް ވިސާ ލިބުމުގައި ދަތިތަކެއް ހުރުން ކަމަށެވެ. ނަމަވެސް އިންތިހާބުގެ ވޯޓުލުން ދެން އޮންނާނެ ދުވަހެއް ސާފުވާނީ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ކަމަށް ވެފައި، އެ ދުވަހަކަށް ވިސާ ނުލިބޭނެކަން އިލެކްޝަންސް އަށް އޮޅުންފިލުމަކީ އަރަތެއް ކަމަށް ޕީޕީއެމް އިން ބުންޏެވެ.

"މިކަމުގައި ޕާޓީން ދަނީ ފޮރިން އެފެއާޒާ ގުޅައި އެ ފަރާތުން އެއްބާރުލުން ދެމުންދޭތޯ ސާފުކުރަމުން. މިހާތަނަށް އެނގިފައިވާ ގޮތުގައި ވިސާ ނުލިބޭނެ ކަމަށް އެ މިނިސްޓްރީން ކޮމިޝަނަށް މައުލޫމާތު ދީފައެއް ނުވޭ. އަދި ސައުދީ ސަރުކާރުން އެކަމާ ގުޅޭ ގޮތުން ޖަވާބު ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ވަނީ އެ ވުޒާރާ އިން ހާމަކޮށްފައި،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.