27 Sep 2013, 14:20
ކުރުނބާ ވިލެޖުން: އަޙްމަދު މުޖްތަބާ
ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން ގެންދަނީ ސާފު ބޯފެން ނުލިބި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ޓޫރިޒަމް ދާއިރާ ބޭނުން ކުރެވިދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިޔުޓީއޯ) އިން މިއަދު ކުރުނބާ ވިލެޖް ރިސޯޓުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ ސާފު ބޯފެން ނުލިބި ކަމަށާއި އަދި ރައްފުށުގެ ފެނުގެ ފަށަލަވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށެވެ.
"ރާއްޖެ އަށް ދިމާވެފައިވާ ފެނުގެ މައްސަލަ ދެނެގަންނަންވީ ކުދިކުދި ޒަޖީރާ ރައްތަކުގެ އިކޮލޮޖީއަށް ބަލަލައިގެން. އަޅުގަނޑުމެންގެ ރައްޔިތުން މިރަށްތަކުގައި ދިރިއުޅެމުން ގެންދާތާ އެތަކެއް ހާސް އަހަރު ވެއްޖެ. ކުދިކުދި އާބާދީ ތަކަކަށް ބެހިގެން ދިރިއުޅޭ މި ރައްޔިތުން ބޭނުންކުރާ ފެން ހޯދަނީ ބިމުން ނަގައިގެން. އެކަމަކު އަޅުގަނޑުމެންގެ މީހުން ދިރިއުޅޭ ރައްތަކުގެ ފެނުގެ ފަށަލަމިވަނީ ނުރައްކަލަށް ވެއްޓިފައި،" ރައިސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ފެނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާ ބޭނުން ކުރެވިދާނޭ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ 191 ރަށުގައި ދިރިއުޅެމުން. އޭގެ ތެރެއިން 113 ރަށެއްގެ ފެނުގެ ފަށަލަ ވަނީ، ލޮނުވުމާއި އަދި އެނޫންވެސް ގޮތްގޮތަށް ތަގައްޔަރުވެފައި. އާބާދީގެ ދެބައިކުޅަ އެއްބައި ބަރޯސާވަނީ، ޑީސެލިނޭޓެޑް ފެނަށް. އަނެއްބައި މީހުންނަށް ސާފު ފެންވަރު ރަނގަޅު ފެން ލިބުމުން ވަނީ މަހުރޫމްވެފައި،" ރައީސް ވިދާޅުވި އެވެ. "އެކަމަކު މިކަމަށް ހުރި ހައްލުތައްވެސް އެބަހުރި. އަދި އެހައްލުތައް ފެނިގެން މިދަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން."
ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ރާއްޖޭގައި 100 އަށް ވުރެ ގިނަ ރިސޯޓުތައް ހުރިއިރު ދުނިޔެ ހޫނު ވުމާއި ތިމާވެއްޓަށް ދިމާވަމުން އަންނަ އެކިއެކި ނޭދެވޭ އަސަރުތަކުގެ ސަބަބުން އެ ރިސޯޓުތަކުގެ ވަށައިގެންވާ ގޮނޑުދޮށްތަކާއި އަދި މޫދަށް ވެސް އެ ނޭދެވޭ އަސަރުތައް ކުރަމުން ދާކަމަށާއި އެކަމަކު އެކަންކަމަށް އެފަރާތްތަކުން ހައްލުހޯދަމުން ގެންދާ ކަމަށެވެ.
"ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރައްތަކަށް ވަނީ ރަށް ގިރުމުގެ ނުރައްކާ ކުރިމަތިވެފައި. މިއީ ހަމަ ރިސޯޓުތަކަށް ވެސް ކުރިމަތިވަމުންދާ މައްސަލައެއް. އެކަމަކު ރިސޯޓުތަކުން އެކަން ހައްލުކުރުމަށް އަމަލުކުރަނީ ބިޒްނަސް މޮޑެލްއަށް ބަލައިގެން. ޕްރެކްޓިކަލީ އެކަންތައް ކުރެވެނީ ކިހިނެއްތޯ ބަލައިގެން." ރައީސް ވިދާޅުވި އެވެ. "ފަތުރުވެރިކަމުގެ ސިނާއަތުގެ އެހީގައި މިކަމަށް ހައްލެއް ހޯދިދާނެ."
ރައީސް ވިދާޅުވީ ފެނުގެ މައްސަލަ ދިމާވުމަށް މެދުވެރިވާ އެންމެ ބޮޑު މައްސަލައަކީ ރަށްގިރުން ކަމަށާއި އެ މައްސަލަ ރާއްޖެ އިން ވަނީ މީގެ އެތައް އަހަރުތަކެއް ކުރިން ދުނިޔޭގެ ސަމާލުކަށް ވެސް ގެނެސްފައި ކަމަށާއި އަދި ދުނިޔޭގެ އެކި ކަންކޮޅުގައި އެފަދަ ކަންތަކަށް މިހާރު ވެސް އެކި ފެންވަރުގައި ހައްލުތައް ހޯދަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަން ދުނިޔޭގެ ޓޫރިޒަމް ސިނާއަތުން، ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކަށް ވެސް ހައްލު ހޯދޭނޭ ގޮތައް މިކަމުގައި މަސައްކަތް ކޮށްދޭނޭ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ކުރިން ފެން ބޭނުން ކުރަމުން އައި ދެ ނިޒާމް ކަމަށްވާ ވާރޭ ފެނާއި، ވަޅުފެނަށް ވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކާތެރިވެފައި ކަމަށެވެ.
މިއަހަރު ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ޝިއާރަކީ، "ފަތުރުވެރިކަމާއި ފެން، ރައްކާތެރިކޮށްދެނީ އަހަރެމެން އެންމެންގެ ކުރިމަގު" ކަމަށްވާ އިރު ރިސޯޓުތަކުގައި ސާފު ބޯފެން ހޯދުމަށާއި ރަށްގިރުމުން ރައްކާތެރިކުރުމަށް ބޭނުން ކުރާ ނިޒާމްތައް ހަރަދު ކުޑަ ގޮތެއްގައި މީހުން ދިރިއުޅޭ ރައްތަކުގައި ވެސް ގާއިމް ކުރަންޖެހިފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމްގެ ހަތަރު ވަނަ މާސްޓާ ޕްލޭން ރައީސް ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.