27 Sep 2013, 13:51
ލިޔޮން (ސެޕްޓެމްބަރ 27): ކެންޔާގެ ވެސްޓް ގޭޓް ވިޔަފާރި މަރުކަޒަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ކޮމާންޑަރެއްގެ ދައުރެއް އަދާކޮށްފައިވާ ކަމަށް ކެންޔާ ސަރުކާރުން ތުހުމަތު ކޮށްފައިވާ އިނގިރޭސި ދޮންނަސްލުގެ އަންހެނެއް ކަމަށްވާ ސަމަންތާ ލެއިތްވެއިޓް ހައްޔަރު ކުރުމުގެ ބައިނަލްއަޤްވާމީ އަމުރެއް އިންޓަޕޯލުން ނެރެފި އެވެ.
ބައިނަލްއަޤްވާމީ ފުލުހުންގެ ޖަމްއިއްޔާ ކަމަށްވާ އިންޓަރޕޯލުން ނެރުނު ހައްޔަރު ކުރުމުގެ އަމުރުގައިއެޖަމްޢިއްޔާގެ މެންބަރު ގައުމުތަކުގެ ކިބައިން އެދިފައި ވަނީ ސަމަންތާ ލެއިތްވެއިޓް ހައްޔަރުކޮށް އެޖަމްޢިއްޔާއާ ހަވާލުކުރުމަށެވެ. މިއަމުރުގައި، ވެސްޓްގޭޓަށް ދިންޙަމަލާތަކާ ސަމަންތާއާ ގުޅުންވާކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި ނުވިނަމަވެސް އަމުރު ނެރުނީ ކެންޔާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް ބުނެފައިވެ އެވެ.
ވެސްޓް ގޭޓަށް ދިން ޙަމަލާތަކުގައި ކޮމާންޑަރެއްގެ ދައުރު އަދާކޮށްފައިވާ ކަމަށް ކެންޔާ އިން ތުހުމަތުކުރާ ސަމަންތާ ވަނީ އެ ޙަމަލާތަކަށް ފަހު ސަރަހައްދީ ރޮނގު ހުރަސްކޮށް ފިލާފައި ކަމަށް ކެންޔާގެ ފުލުހުން ބުނެ އެވެ. އިނގިރޭސިވިލާތުގެ ނޫސްތައް ބުނާ ގޮތުން ސަމަންތާ އަކީ 2005 ވަނަ އަހަރު ހަތިޔާރުއެޅި ޖަމާއަތަކުން ލަންޑަނަށް ދިން ބޮމުގެ ޙަމަލާތަކުގައި މަރުވި ހަނގުރާމަވެރިއެއްގެ ހުވަފަތް އަނބިމީހާ އެވެ. ލަންޑަންގެ ބޮމުގެ ޙަމަލާތަކުގެ ފަހަތުގައި ވަނީ އަލްގާއިދާ އަށް ނިސްބަތްވާ "އިސްލާމީ ހަނގުރާމަވެރިން"ގެ ބައެއް ކަމަށް އިނގިރޭސި ސަރުކާރުން އެދުވަސްވަރު ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އިނގިރޭސި ސަރުކާރަށް އެތުހުމަތުތައް ސާބިތުކޮށް ދެވިފައެއްނުވެ އެވެ.
އުމުރުން 29 އަހަރުގެ ސަމަންތާގެ ފިރިމީހާއަކީ ހަތިޔާރުއެޅި ބަޔަކު އަމިއްލައަށް މަރުވެގެން ލަންޑަންގައި ދިން ބޮމުގެ ޙަމަލާތަކުގައި ބައިވެރިވެ އަމިއްލައަށް މަރުވެފައިވާ މީހެއް ކަމަށާ ފިރިމީހާ މަރުވުމަށް ފަހު ޒުވާން ސަމަންތާ ގުޅިފައި ވަނީ ސޮމާލިޔާގެ އައްޝަބާބް މޫމެންޓާ ކަމަށާ ޒުވާން ސަމަންތާ އަކީ ފިރިހެނުން ވެސް ޖެހިލުންވާ ފަދަ ވަރުގަދަ ހަނގުރާމަވެރިއެއް ކަމަށް އިނގިރޭސި މީޑިޔާ ބުނެ އެވެ. ބޮންގޮއްވައިގެން ފިރިމީހާ އަމިއްލައަށް މަރުވެ ސަމަންތާ ހުވަފަތްވި އިރު ސަމަންތާގެ އުމުރަކީ އެންމެ 21 އަހަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކެންޔާގެ ވެސްޓްގޭޓަށް ދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އަވަށްޓެރި ސޮމާލިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައްޝަބާބް މޫމެންޓުންނެވެ. މިއީވެސް އަލްޤާޢިދާއާ ގުޅިފައިވާ ޖަމާއަތެއް ކަމަށް ހުޅަނގުން ތުހުމަތުކުރާ ޖަމާއަތެކެވެ. ސޮމާލިޔާގެ ދީނީ އިލްމުވެރިން ވަނީ މާތްވެގެންވާ އިސްލާމް ދީނާއި އައްޝަބާބް މޫމެންޓާ އެއްވެސް ގުޅުމެއްނެތް ކަމަށާ އެ ޖަމާއަތަކީ އިސްލާމީ އުސޫލުތަކުން ބޭރުވެފައިވާ އަދި އިސްލާމް ދީނަށް ހުތުރު އެރުވުމަށް ޓަކައި އިސްލާމް ދީނުގެ ދުޝްމަނުންގެ އެޖެންޑާ ތަކެއް ތަންފީޒުކުރާ ހައްދުފަހަނަޅާފައިވާ ތަކްފީރީ ޖަމާއަތެއް ކަމަށް ވެސް ސޮމާލިޔާގެ ދީނީ ޢިލްމުވެރިން ދާދިދަހުން ނެރުނު ބަޔާނެއް ބުނެފައިވެ އެވެ. ކެންޔާގެ ވެސްޓްގޭޓް ވިޔަފާރި މަރުކަޒަށް ދިން ޙަމަލާތަކުގައި 72 މީހަކު މަރުވެފައިވާ އިރު އެ ޙަމަލާތަކަކީ ކެންޔާ ސިފައިން ސޮމާލިޔާ އަށް އަރައި ހިންގަމުން ގެންދާޖަރީމާތަކާ ދެކޮޅަށް ހިންގި ބަދަލުހިފުމުގެ ޢަމަލެއް ކަމަށް އައްޝަބާބް މޫމެންޓުން ބުނެ ކެންޔާއަށް އިންޒާރު ދީފައިވެ އެވެ.
ސޮމާލިޔާގެ އައްޝަބާބް މޫމެންޓްގެ ކުއްލި ޙަމަލާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތް ފަދަ އިސްލާމީ ގައުމުތަކަށް އަރައި މުސްލިމުން މަރަމުންގެންދާ ހުޅަނގުގެ ބޮޑެތި ބާރުތައް އިޙްސާސްކުރަމުން ގެންދާ އިރު އެމެރިކާ އާއި އިނގިރޭސިވިލާތުގެ މަސްއޫލުވެރިން ވަނީ އައްޝަބާބް މޫމެންޓަކީ އަލްގާއިދާއާ ގުޅިފައިވާ ނުރައްކާތެރި ޖަމާއަތެއް ކަމަށް ސިފަކުރައްވާފަ އެވެ. ކެންޔާ އަށް ދިންފަދަ ޓެރަރިސްޓް ޙަމަލާތަކެއް އެމެރިކާ އަށް ދިނުމުގެ ގާބިލްކަން އައްޝަބާބް ޖަމާއަތަށް ލިބިފައިވެދާނެ ކަމާ މެދު ޝައްކު ކަމަށް އެމެރިކާގެ ޖަސްޓިސް މިނިސްޓަރ ވިދާޅުވެފައިވީ ނަމަވެސް ކެންޔާއަށް ދިން ފަދަ ކުއްލި ޙަމަލާތަކަކުން ސަލާމަތްވެވޭ ފަދަ ގާބިލްކަން އިނގިރޭސި ސަލާމަތީ ބާރުތަކަށް ލިބިފައިނުވާ ކަމަށްޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)