އެކި އެކި ތަހުގީގުތައް ކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ފުލުހުން ތަފާތު އެކި ޖަނަވާރުގެ ބޭނުން ކުރެ އެވެ. އެކަން ކުރަނީ އެތަކެއްޗަށް ތަމްރީނުތައް ދީގެންނެވެ. ޔޫރަޕްގެ މުއްސަނދި ގައުމެއް ކަމަށްވާ ހޮލެންޑް އުޅެނީ އެކަމުގައި ތަންކޮޅެއް ކުރީގަ އެވެ.

ހޮލެންޑް ފުލުހުން ކުރާ ފޮރެންސިކް ތަހުގީގުތަކުގައި ބައިވެރި ކުރުމަށް އެންމެ ފަހުން ތަމްރީނު ކުރި ޖަނަވާރަކީ މީދަލެވެ. ހޮލެންޑް ފުލުހުން މީދާ ތަމްރީނު ކުރަމުން އަންނަނީ އަނދިރި އަދި އެކަހެރިކަމުން އުނދަގޫވާ ތަންތަނުން ފޮރެންސިކް ހެކި ހޯދުމަށް ކަމަށް ފްރާންސްގެ ފްރާންސް 24 ޓީވީން ބުންޏެވެ.

"އަހަރެމެންނަށް އެނގިފައިވާ ގޮތުން ފުލުހުންގެ ތަހުގީގުގައި ބޭނުންކުރުމަށް މީދާ އެންމެ ފުރަތަމަ މި ތަމްރީނުކުރަނީ އަހަރެމެން،" ފްރާންސް 24 އާ ވާހަކަ ދައްކަވަމުން ހޮލެންޑް ފުލުހުންގެ އިނޮވޭޝަން ސެންޓަރުގެ ވެރިޔާ މާކް ވިއެބްސް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ތަކެތިން ވަސްބަލައި، ހެކި ހޯދުމަށް މީދާ ތަމްރީނުކުރެވުމުން ވަގުތާއި ފައިސާ ސަލާމަތް ކުރެވޭނެ ކަމަށެވެ. ޑްރަގާއި ބަޑިބޭސް ފަދަ ތަކެތީގެ ވަސް ދެނެގަތުމަށް މީދަލެއް ތަމްރީނު ކުރުމަށް ހޭދަވާނީ މީދަލަކަށް 10 ޔޫރޯގެ މަގުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެފަދަ ކަމަކަށް ކުއްތާއެއް ގަނެ ތަމްރީނުކުރުމަށް އެތައް ހާސް ޔޫރޯއެއް ހޭދަވެ އެވެ.

ކުއްތާއެއް ތަމްރީނު ކުރުމަށް އަށް މަސް ދުވަސް ހޭދަވާ އިރު މީދަލެއް ތަމްރީނު ކުރުމަށް ހޭދަވަނީ 10 ނުވަތަ 15 ދުވަސް ކަމަށް ވެސް ހޮލެންޑް ފުލުހުން ބުނެ އެވެ.