ގދ. ތިނަދޫގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދެއްކި ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ލޯންޗެއްގައި ރޯކޮށްލައިފި އެވެ.

ސަން އަށް މައުލޫމާތު ދެމުން ތިނަދޫ ޕީޕީއެމް އެކްޓިވިސްޓެއް ކަމަށްވާ މުހައިމިން ހުސައިން ބުނީ އޭނާ ބަނދެފައިވާ 24 ފޫޓުގެ ލޯންޗުގައި ބަޔަކު ރޯކޮށްލާފައި ވަނީ ރޭ ގާތްގަނޑަކަށް 3:30 އެހާކަންހާއިރު ކަމަށެވެ.

އޭނާ ބުނީ ލޯންޗު ބަނުމަށް ހަދާފައިވާ ހަރުގޭގެ ތެރެއިން އެއްޗެއް ގޮވިއަޑަށް ނިދިން ހޭލެވިގެން ގޮސް ބެލި އިރު ލޯންޗުގައި ހުރީ އަލިފާން ރޯކޮށްލާފައި ކަމަށެވެ.

ލޯންޗުގައި ރޯކޮށްލުމުގެ ސަބަބުން ގާތްގަނޑަކަށް 350،000ރ.ގެ ގެއްލުން ލިބިފައިވާ ކަމަށް މުހައިމިން ބުންޏެވެ.

"ރޭ 4:00ގައި ބޮޑު ސިންގާ އަޑުފައްގަނޑެއް އިވިގެން ހޭލެވުނީ. ލޯންޗު ހަދާ ތަނާއި އަޅުގަނޑު ދިރިއުޅޭ ގެޔާ މި ހުންނަނީ 100 ފޫޓާއި 50 ފޫޓާއި ދުރުގައި. އެތަނުން ފީފާއެއް ގޮވާފައި މިއޮތީ. އެއަޑަށް މި ހޭލެވުނީ. ޖެހިގެން ހުރީ ބޭބެމެންގެ. ހަރުގެއާ އިންވެގެން ހުރި އެގޭ ފާރުވެސް އެއްކޮށް ބަދަލު ކުރަންޖެހޭނެ. އެއީ 24 ފޫޓުގެ ލޯންޗެއް އެއްކޮށް މަސައްކަތް ނިމިފައި ހުރި ލޯންޗެއް. ލިބުނު ގެއްލުން ގާތްގަނޑަކަށް 350،000 އަށް އަރާނެ،" މުހައިމިން ބުންޏެވެ.

އޭނާ ބުނީ ގަބޫލުކުރެވޭ ގޮތުގައި އެއީ ސިޔާސީ މަގުސަދެއްގައި ބަޔަކު ކުރި ކަމެއް ކަމަށާއި ސަރުކާރާއި އިދިކޮޅު މީހުންގެ ފަރާތުން މީގެ ކުރިން އިންޒާރުތަކެއް ވެސް ލިބިފައިވާ ކަމަށެވެ.

މިކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ތިނަދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ޒާހިރު ވިދާޅުވީ އެ ރަށުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.