އާންމު ރައްޔިތެކޭ އެއްފަދައިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރެވި އެމަނިކުފާނަށް ހުކުމް ކުރެވެންޖެހޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ހުއްޓުވާފަ ބޭއްވުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ.

ނަޝީދަކީ ސިޔާސީ ޕާޓީއެއްގެ އިސް ފަރާތަކަށް ވާތީ އެމަނިކުފާނުގެ ޝަރީއަތް މަޑުޖައްސާލާފައި ބޭއްވިގެން ނުވާނެ ކަމަށާއި އާންމު ރައްޔިތެކޭ އެއްފަދައިން ނަޝީދުގެ ޝަރީއަތް މިހާރުން މިހާރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި 94،000 ވަޒީފާގެ ފުރުސަތު ރާއްޖޭގައި އުފައްދާނެ ކަމަށާއި އޭގެ ތެރެއިން ގިނަ ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނީ ޒުވާނުންނަށް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިނަދޫއަށް ގެނެވުނު ތަރައްގީއެއް ނެތްކަމަށާއި މިއަދު ތިނަދޫއަށް ލިބިފައިވާ ތަރައްގީ ގެނެސްދެއްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި ތިނަދޫގެ ތަރައްގީ އަށް ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ޑރ. ޖަމީލް ވިދާޅުވީ ތިނަދޫގެ ބިން ބޮޑު ކުރުމުގެ ގޮތުން އިތުރަށް ބިން ހިއްކުމަކީ ޕީޕީއެމްގެ ސަރުކާރެއްގައި އެންމެ އިސްކަމެއްދީގެން ކުރާނެ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި އެމީހަކު ބޭނުންގޮތަކަށް، ބޭނުން ޑިޒައިނަކަށް ސަރުކާރުން ފްލެޓް އަޅައިދޭނެ ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި ކޮންމެ އަތޮޅަކަށް ޚާއްސަ ރިސޯޓެއް ތަރައްގީ ކުރައްވާނެ ކަމަށާއި އެ ރިސޯޓުން ލިބޭ ފައިސާ އަތޮޅުގެ ހުރިހާ ރަށްތަކަށް ބަހާލެވޭނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.