ސުޕްރީމް ކޯޓުން އަމުރު ނެރުނު ފަހުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި ހަރަދަކަށް ޒިންމައެއް ނުވެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ސަންއާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޯޓުން ކޮށްފައިވާ އަމުރަކާ ހިލާފަށް ކުރާ ހަރަދަކަށް ޒިންމަވެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އިންތިހާބު ބާއްވަން ކުރި ހަރަދުތަކަށް ޒިންމާވެވޭނެ ގޮތެއް ނެތް. އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުންނަށް ވެސް އެކަން އެނގިވަޑައިގަންނަވަން ޖެހޭނެ އެކަން ކުރެވިގެން ނުވާނެ ކަމަށް،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޯޓުން އަމުރުކޮށްފައި ވަނިކޮށް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ހަރަދުތަކަށް ޕޭމަންޓް ދޫކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"އެ ހަރަދުތައް ދައްކަން ޖެހޭ ނަމަ އެކަން ކަނޑައަޅާނީ ކޯޓުން. އަދި އެކަމަށް ޒިންމާވާ ބަޔަކު ކަނޑައަޅާނީ ތަހުގީގުކޮށްގެން. އަޅުގަނޑުމެން އެކަމުގައި ގާނޫނީ ލަފާ ހޯދާނަން،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހޮނިހިރު ދުވަހު އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމުގެ ހަރަދުތަކުގެ ފައިސާ ދޫނުކުރި ނަމަވެސް އެތަނުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދެއްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް 27 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފައިވެ އެވެ.