27 Sep 2013, 00:50
ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ބޭއްވުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް، "ހޮނިހިރު ދުވަހު ބާއްވާ އިންތިހާބެއްގައި" ޕީޕީއެމުން ބައިވެރި ނުވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކެމްޕޭން ހަރަކާތުގެ މައި އިދާރާ، ނަސަންދުރާ ޕެލަސް ހޮޓަލުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަދީބު ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ބޯލަނބާނީ ސްޕްރީމް ކޯޓުގެ އަމުރަށް ކަމަށާއި އެ ކޯޓުގެ އަމުރާ ހިލާފަށް ބާއްވާ އިންތިހާބެއްގައި ޕީޕީއެމްގެ މެންބަރުން ވޯޓު ނުދޭނެ ކަމަށެވެ.
"ޕީޕީއެމްގެ މެންބަރުން ނުދާނެ [ވޯޓުލާކަށް]. ޕީޕީއެމްގެ މެންބަރުންނަކީ ވަރަށް ބޮޑަށް ހޭލުންތެރި ބައެއް. އެންމެ ފަހު ނިންމާ ނިންމުން ނިންމާ ފަރާތަކީ ސްޕްރީމް ކޯޓުކަން ވެސް އެންމެން ވެސް ގަބޫލު ކުރޭ. އެހެންވީމަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަކަށް ޕީޕީއެމުން ނުދާނެ،" ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރާ ހިލާފަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވާހަކަފުޅު ދެއްކެވުމުން، އެމަނިކުފާނުގެ އިތުބާރު ގެއްލިއްޖެ ކަމަށާއި އިލެކްޝަންސްގެ މެންބަރު ކަމުގައި އޭނާއަށް ހުރެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އޮންނާނެ ކަމަށް ދޭހަވާ ގޮތަށް ފުއާދު މިއަދު މީޑިއާގައި ވާހަކަފުޅު ދައްކަވާފައި ވަނީ ވަކި ބައެއްގެ ޕްރެޝަރު ކުރިމަތިވެގެން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސުގައި ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ ރައީސާ ދުންޔާ މައުމޫން ވިދާޅުވީ ހޮނިހިރު ދުވަހު އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި ނުބާއްވާ އިންތިހާބެއްގައި ޕީޕީއެމްގެ މެންބަރުން ވޯޓު ދޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށެވެ.
ހޮނިހިރު ދުވަހު އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ފުއާދު ވިދާޅުވެފައި ވަނިކޮށް، މިރޭ ކުއްލި ގޮތަށް ބޭއްވި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ސްޕްރީމް ކޯޓުގެ އަމުރު ދެމިއޮތްހާ ހިނދުގައި، ހޮނިހިރު ދުވަހު އިންތިހާބު ނުބޭއްވުމަށެވެ.