ވަޒީރުން އައްޔަން ކުރެވުނު ކަމަށް ގާނޫނީ ގޮތުން ބެލެވޭނީ ރައްޔިތުން މަޖުލީހުގެ ރުހުން ލިބިގެން ކަމަށާއި އެހެން ނޫނީ ވަޒީރުން މަގާމުގައި ތިއްބެވުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.


ސަން އޮންލައިނަށް ޑރ. މުނައްވަރު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރޭ ވިދާޅުވީ ގާނޫނީ އަސާސީގެ ރޫހު ވަރަށް ސާފު ކަމަށާއި ވަޒީރުންނަށް، ވަޒީރުކަމުގެ މަސްއޫލިއްޔަތު ހަވާލުވެވޭނީ ވެސް އަދި ދެމި ތިއްބެވޭނީ ވެސް ރައްޔިތުން މަޖުލީހުގެ ރުހުން ލިބިގެން ކަމަށެވެ.


"އެއީ ދެ މާނައެއް ނެގޭ ގޮތަށް އޮތް ކަމެއް ނޫން. ގާނޫނު އަސާސީގެ މަފްހޫމަށް ބަލާއިރު ރިޔާސީ ނިޒާމެއްގައި އެކަން އޮންނަ ގޮތަކީ ވަޒީރުން އެ މަގާމުތަކުގައި ދެމިތިއްބެވޭނީ އަދި މަސްއޫލިއްޔަތު އަދާކުރަން ފެއްޓެވޭނީ މަޖުލީހުގެ ރުހުން އޮވެގެނޭ. ރުހުން ނެތުން ކަމަށް ވާނީ ފުރަތަމަ އައްޔަން ކުރެވޭ އިރުގައި މަޖުލީހުން ރުހުން ނެތުން. އަނެއް ގޮތަކީ އެ މަގާމުތަކުގައި ދެމި ތިއްބެވޭނީ ރުހުން ލިބިގެންނޭ. މަގާމާ ހަވާލުވުމަށް ފަހު ރުހުން ނެތްތޯ އޮތްތޯ އެނގޭނީ އިތުބާރު ނެތް ކަމުގެ ވޯޓަކުން،" މަޝްހޫރު ގާނޫނީ ވަކީލު ވިދާޅުވި އެވެ.


މުނައްވަރު ވިދާޅުވީ ގާނޫނީ ގޮތުން ވަޒީރުން، ވަޒީރުންގެ މަގާމުތަކަށް އައްޔަން ކުރެވުނީ ކަމަށް ބެލެވޭނީ އެ ބޭފުޅުންނަށް މަޖުލީހުގެ ރުހުން ލިބިގެން ކަމަށައި އެހެން ނޫނީ އައްޔަން ކުރުމުގެ ކަންތައް އޮންނާނީ ދެބައިކުޅަ އެއްބައި ފުރިހަމަ ނުވެ ކަމަށެވެ. އަދި ވިދާޅުވީ އެކަން ފުރިހަމަ ވާނީ ރައްޔިތުން މަޖުލީހުގެ ރުހުން ލިބިގެން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ފުރިހަމަވީ ކަމަކަށް ނުބެލެވޭނެ ކަމަށެވެ.  


ޑރ. މުނައްވަރު ވަނީ ރައީސް ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން ވިދާޅުވީ ރައީސް ނަޝީދަކީ ގާނޫނަށް އިހުތިރާމެއް ނުކުރަށްވާ ހިތައް އެރިގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާ ބޭފޫޅެއް ކަމަށެވެ. ރައީސް ނަޝީދު ގާނޫނު އަސާސީއަށް މަލާމަތް ކުރަށްވާ ކަމަށާއި ގާނޫނު އަސާސީގެ ހުރުމަތް ކަނޑުއްވަމުން ގެންދަވާ ކަމަށް ވެސް ތުހުމަތު ކުރެއްވެވި އެވެ. މީގެ އިތުރަށް ވިދާޅުވީ "ރައީސް ނަޝީދަކީ ދިވެހި ރައްޔިތުންގެ ދުޝްމަނެއް" ކަމަށާއި "ދިވެހި ރާއްޖޭގެ ދެމިއޮތުމަށް ވެސް ރައީސް ނަޝީދު ދެކޮޅު ހައްދަވާ" ކަމަށެވެ.  


"ކެނެރީގޭ މުހަންމަދު ނަޝީދަކީ އެއްވެސް ހަރުދަނާ ކަމެއް ނެތި އެކި ފަހަރު އެކި ގޮތައް ވާހަކަފުޅު ދައްކަވާ ބޭފޫޅެއް. ގާނޫނު އަސާސީގައި ވަކިގޮތަކަށް ކަމެއް އޮއްވައި ބުނާނެ، ހޯހޯ އެހެނެއް ނޫނޭ އެކަން އޮތީ، މިހެންނޭ އޮތީ. އެކަހަލަ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުންނަށާއި ގާނޫނު އަސާސީއަށް މަލާމަތް (އޭނާއަށް) އެ ކުރެއްވެވެނީ. ގާނޫނަށް ރައްޔިތުން ބޯ ލަނބަން ޖެހޭ ޖެހުމަށް އެ ބުރޫ އަރުވައިލަނީ،" ޑރ. މުނައްވަރު ވިދާޅުވި އެވެ. "އަޅުގަނޑުމެނަށް ކަށަވަރުވަނީ އޭނައަކީ މި ގައުމު ދެކެ ރުޅިއަންނަ މީހެކޭ. މި ގައުމަށް ނަފުރަތުކުރާ މީހެކޭ. ކޮންމެވެސް ސަބަބަކާ ހުރެ ނަޝީދު އެބަ ބޭނުންފުޅުވޭ ދިވެހި ގައުމު އުވައިލަން. ދިވެހިރާއްޖެ ދެމި އޮތުމަކީ އޭނާ ދެކޮޅު ކަމެއް. އޭނަ އެދަނީ މި ގައުމުގެ ހައިބަތަށް އުނިކަން ލިބޭ ގޮތަށް އެކި ފަހަރު އެކި ވާހަކަ ދައްކަމުން،"


ޑރ. މުނައްވަރު ވިދާޅުވީ ރައީޝް ނަޝީދު ވެރިކަމުގައި ހުންނެވުމުގެ ގާނޫނީ އަސްލާ މެދު ވެސް ސުވާލު އުފެދޭ ކަމަށާއި ރައްޔިތުން އެކަމާ ކަންބޮޑުވާން ޖެހޭ ކަމަށެވެ.


"ރައީސް ނަޝީދު ރައްޔިތުންނަށް ދެއްކެވީ ތިމަންނާ މިއުޅެނީ އެކަނި ވެރިކަން ކުރާކަށް ނޫނޭ. ތިމަންނަ މި އުޅެނީ ގާސިމް އިބްރާހިމާއި ހަސަން ސައީދާއި އިބްރާހިމް އިސްމާއީލާއި މުހައްމަދު ވަހީދު ހަސަން މަނިކާއި އެކު ވެރިކަން ކުރާށޭ. އެއީ ދިވެހި ރައްޔިތުން ހޮވި ވެރިކަމަކީ. މިހާރު އެތަނުން އެއްބަޔަކު ނެތް ކަމުގައި ވަންޏާ، އޭނަ (ނަޝީދު) ވެރިކަމުގައި ހުންނަން މޯރަލް އޮތޯރިޓީއެއް ނެތް،" ޑރ. މުނައްވަރު ވިދާޅުވި އެވެ.


މި މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މީހެއްގެ މައްޗަށް ކަނޑައެޅި މަރު ހިފުމުގެ ނިޔާއާ މެދުވެސް މުނައްވަރުގެ އިންޓަވިއުގައި އިޝާރާތް ކުރެއްވެވި އެވެ. މުނައްވަރު ވިދާޅުވީ މަރުގެ ހުކުމްތައްކޮށް، ތަންފީޒުކުރެވޭ ދަރަޖައަކަށް ރާއްޖޭގެ ޝަރުއީ ނިޒާމް އަދި ހަރުދާނާ ވެފައި ނުވާ ކަމަށެވެ.


އޭނާ ވިދާޅުވީ ރާއްޖޭގައި ޝަރީއަތްތައް ކުރަމުން އަންނަނީ އެންމެ އިންސާފުން ކަމާމެދު ސުވާލު އުފެދޭ ކަމަށާއި މީހެއްގެ މަރު ހިފުން ފަދަ ބޮޑު ކަމެއް ކުރެވޭނީ މިހާރަށްވުރެ ބޮޑަށް ރާއްޖޭގައި ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމުގެ ނިޒާމު ވަރުގަދަ ވެގެން ކަމަށެވެ.


"މަރަށް މަރު ހިފުމަކީ ވަރަށް ބޮޑުކަމެއް އޭގެ ޒާތުގައި، އެހެންކަމަށް ވާއިރު އެފަދަ ހުކުމެއް ކަނޑައަޅާ ތަންފީޒު ކުރެވެން ވާނީ އަޅުގަނޑުމެންގެ ޝަރުއީ ނިޒާމު ވަރަށް ވަރުގަދަ ވެގެން. އެއީ ކުށެއްގެ ތަހުގީގު ކުރާއިރު (އެކަން) ކުރެވެނީ ކިހިނެތް ތޯ، ވަރަށް އިންސާފު ވެރި ހަމަ ހަމަ އުސޫލަކުންތޯ؟ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރެވިގެން، ބަލަން ޖެހޭ ބެލުންތަށް ބެލެވިގެންތޯ؟ އަޅުގަނޑުމެން ޝަރީއަތް ކުރަނީ ވަރަށް އިންސާފަށްތޯ؟ މީހަކު މަރަން ހުކުމް ކަނޑައަޅާއިރު އެ ހުކުމް ކުރާނީ އެންމެ ގާޒީއެއް ހުރެގެން ތޯ؟ ވާހަކަ އަކީ އެކަކަށް ވުރެ ގިނަ ފަޑިޔާރުން ތިބެގެންތޯ ޝަރީއަތް ކުރާނީ؟ މިހިރީ ވަރަށް ބޮޑެތި ސުވާލުތައް، ހަމަ ޔަގީނުން ވެސް މަރުގެ ހުކުމް ތަންފީޒުކުރެވޭ ދަރަޖައަކަށް އަޅުގަނޑުމެންގެ ގާނޫނީ، ޝަރުއީ ނިޒާމް ފުރިހަމަ ވެފައި ވާކަމަކަށް ގަބޫލެއް ނުކުރެވޭ،" ޑރ.މުނައްވަރު ވިދާޅުވި އެވެ.