27 Sep 2013, 00:31
ސުޕްރީމް ކޯޓު އަމުރާ އެއްގޮތަށް އިންތިހާބުގެ ކަންތައްތައް ގެންދިޔުމަށް ނިންމައި، ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ގޮތަށް ނިންމީ މިރޭ ކުއްލި ގޮތަކަށް ބޭއްވި އެ ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމުގަ އެވެ. ދޮޅު ގަޑިއެއްހާ އިރަށް ދިގު ދެމިގެން ދިޔަ ބައްދަލުވުން ފެށީ މިރޭ 11:00 ޖެހި އިރު އެވެ. އެ ބައްދަލުވުމުގައި އިލެކްޝަންގެ އިސް މުވައްޒަފުން ވެސް ބައިވެރިވި އެވެ.
އެ ބައްދަލުވުމަށްފަހު އިލެކްޝަން ކޮމިޝަން އިދާރާގައި ހުންނަވައި "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ ސުޕްރީމް ކޯޓްއިން އަންގާފައިވާ ގޮތާ ހިލާފަށް އިންތިހާބެއް ނުބޭއްވުމަށް އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މީޓިންގެ މާބޮޑު ތަފްސީލެއް ދެވޭކަށެއް ނެތް، އަޅުގަނޑުމެން ނިންމާފައި ވަނީ ކޯޓް އަމުރަކާއި ހިލާފަށް އިންތިހާބް ނުބޭއްވުމަށް،" ފަޔާޒް ސަން އަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންތިހާބުގެ ކަންކަން މިހާރު ހުރި ހިސާބުން އިތުރަށް މަސައްކަތް ނުކުރުމަށް ވެސް މިރޭގެ ބައްދަލުވުމުގައި ކޮމިޝަންގެ އިސްވެރިން ނިންމެވި ކަމަށެވެ. އެ މައުލޫމާތު ހިއްސާ ކުރެއްވުމަށްފަހު އިތުރު ތަފްސީލެއް ފަޔާޒް ނުދެއްވަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް އިންތިހާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ނިންމާފައިވާއިރު، މިރޭ އިރާކޮޅު ބައެއް މީޑިއާތަކަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ހޮނިހިރު ދުވަހު އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެކަމާ ގުޅިގެން ސްޕްރީމް ކޯޓުން މިރޭ ދަންވަރު ނެރުނު އަމުރެއްގައި ބުނެފައި ވަނީ އިންތިހާބު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލު ކުރާނަމަ އެކަން ވަގުތުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.