27 Sep 2013, 00:19
އަންނަ ހޮނިހިރު ދުވަހު ބާއްވަން ކުރިން އިއުލާން ކުރި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލު ކުރާނަމަ އެކަން ވަގުތުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް ސުޕްރީމް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސްކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށާއި އަދި އެ އަމުރާއި ޚިލާފަށް ކުރެވޭ ކަންތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް ވަނީ އަންގައި އަމުރުކޮށްފަ އެވެ.
"މި އަމުރުގައި ބުނެފައިވާ ކަންތައް މިއަމުރުގައި ބުނެފައިވާ ގޮތުގެމަތިން ތަންފީޒު ކުރުމަށާއި މި އަމުރާ ޚިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާނަމަ އެކަން ވަގުތުން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 237 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ގާނޫނު އަސާސީއާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ އަމުރުގައި ބުނެފައި ވަނީ މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަންހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުންނާއި މުސްތަގިއްލު މަގާމްތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަގާމްތަކާ ހަވާލުވެ ތިބި މީހުންގެ އިތުރުން ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެއް ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ފަސްކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައަޅައި ހުކުމް ކުރެވެން ދެނެވެ. އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުމެއް މިހާރު ވަނީ ނިންމާލާފަ އެވެ.