ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ދެއްވި މިރޭ ދެއްވި ބަޔާނެއްގައި ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ކުރިއަށް ގެންދިޔަ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލު ކުރުމަށް އެދި ޖުމްހޫރީ ޕާޓީ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވަކިގޮތަކަށް ނިމެންދެން އިންތިހާބު ފަސްކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ވެސް ނަގަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ މާނަކޮށް، ގާނޫނު ތަންފީޒުކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓު ކަމުގައި ވެފައި، ސުޕްރީމް ކޯޓުގެ ނިންމުންތައް ތަންފީޒު ކުރުމަކީ ދިވެހި ދައުލަތުގެ އެންމެހައި މުއައްސާސަސާތަކަށާއި ސަރުކާރުގެ އިދާރާތަކަށާއި އަދި އެންމެހާ ރައްޔިތުންނަށް ލާޒިމް ކަމެއް ކަމުގައި ވާތީ،" ޝަފީއު ވިދާޅުވި އެވެ. "ދިވެހި ރާއްޖޭގައި ގާނޫނު އަސާސީގެ ސިޔާދަތު ދަމަހައްޓައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކަށާއި ސަރުކާރުގެ އެންމެހައި އިދާރާ ތަކަށާއި މުވައްޒަފުންނަށް ލާޒިމް ކަމެއް ކަމުގައި ވެސް ވާތީ."

ޝަފީއު އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންވުމަށް ދިވެހި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމާށާއި އަދި އެ ކޯޓުގެ އަމުރަކާ ހިލާފަށް ކަމެއް ކުރުމަކީ އަދި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެ ދިނުމަކީ ގާނޫނީ ކުށެއް ކަމުގައި ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ.