26 Sep 2013, 22:50
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ޝެޑިއުލް ކުރި ރިޔާސީ އިންތިހާބު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އިހުތިރާމްކުރުމަކީ ގާނޫނީ ހުކޫމަތެއް ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ދެމުންގެންދާ ބަޔާންތަކާއި ދައްކާ ވާހަކަތަކާއި ބައެއް މީޑިއާ ރިޕޯޓްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަވަސްކަން އުފެދޭ ކަމަށެވެ. އަދި ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަމާއި އަދި ގައުމީ މަސްލަހަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރުހީވެފައިވާ މިދަނޑިވަޅުގައި ދިވެހި ލޮބުވެތި އެންމެހާ މުއާތިނުން ސުލްހަވެރިކަމާ އެކު ކެތްތެރިކަން އިހުތިޔާރުކުރުމަށް އިލްތިމާސްކުރައްވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައިވާ ފަދައިން ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކުރުމުގައި ދިމާވާ ކަމަކާ މެދު އެއްވެސް ހިލާފެއް އުފެދިއްޖެ ނަމަ އެކަން ވަކިގޮތަކަށް ނިންމުމުގެ ބާރުލިބިގެން ވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށެވެ.
"ވީމާ، ގާނޫނު ނަގަހައްޓައި ދިވެހި ލޮބުވެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރުން މި މިނިސްޓްރީގެ މައްޗަށް ލާޒިމުކުރާތީ އެކަން މި މިނިސްޓްރީން ކުރަމުން ގެންދާނެ ވާހަކަ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ." އެ ނޫސްބަޔާނުގައިވެ އެވެ.