ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންތައްތަކާ ގުޅޭ ގޮތުން ފުލުހުން ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދެމުން ގެންދާ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޑރ. އަބްދުﷲ ވަހީދަށް ސީޕީ ރިޔާޒް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަމުންދާ ތައްޔާރީތަކާއި އެ ތައްޔާރީތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށްދީފައިވާ ކަމަށެވެ. އަދި އިންތިޚާބު ބާއްވާ ދުވަހު ސަލާމަތީކަންކަން ގެންދާނެ ގޮތާއި ފުލުހުންގެ ދައުރާމެދު މަޝްވަރާކޮށް ދެ ފަރާތުގެ މެދުގައި މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކުރެވިފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ރިޔާޒު ވިދާޅުވެފައި ވަނީ އެ އެމްއޯޔޫގައި ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އިލެކްޝަންގެ މެމްބަރުންނަށާއި އެތަނުގެ އޮފީސްތަކަށާއި އެހެނިހެން ވެސް އެ ކޮމިޝަނުން އެދެމުންދިޔަ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހު ރިޔާސީ އިނތިޚާބުގެ ދެ ވަނަ ބުރު ބޭއްވުމުގެ ތައްޔާރީތައް ވަމުންދަނިކޮށް ސުޕްރީމް ކޯޓުން ކުރި ވަގުތީ އަމުރާ ގުޅިގެން އިންތިހާބަށް ހިންގާ އެއްވެސް ހަރަކާތެއްގައި ފުލުހުންނަށް ބައިވެރިވެވެން ނެތް ކަމަށް އިންތިހާބުގެ ކަންކަމަށް ލަފާދޭ ނެޝަނަލް ކޯޑިނޭޓިން ކޮމިޓީ އާއި އިލެކްޝަންސް ކޮމިޝަނަށް އަންގަވާފައިވާނެ ކަމަށް ވެސް ސީޕީގެ ސިޓީގައިވެ އެވެ.

"...އެ ދުވަހު އިންތިޚާބު ބޭއްވުމަކީ ޤާނޫނާއި ޚިލާފު ކަމަކަށްވާތީ އެދުވަހު އިންތިޚާބުގެ 2 ވަނަ ބުރު ބޭއްވުމަށް ކުރަމުންދާ ކަންކަމުގައި އެހީވެވެންނެތްކަމަށް ދެންނެވުން ފިޔަވައި އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީ ގޮތުން ދޭންޖެހޭ އެއްބާރުލުމެއް ދިނުން ހުއްޓާލާފައި ނުވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ،" އަބްދުﷲ ރިޔާޒު ފޮނުއްވެވި ސިޓީއާ ގުޅެ ގޮތުން ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މިހާރު ވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ސެކިއުރިޓީ ދިނުމާއި އެކޮމިޝަންގެ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމާއި މިދިޔަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އަތޮޅުތަކަށް ފޮނުވާފައިވާ ވޯޓުކަރުދާހާއި ވޯޓުފޮށިތަކުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާ ކަމުގައި ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ރިޔާޒުގެ ސިޓީ ނިންމުވާލައްވަމުން ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ފުލުހުން އެހީތެރިކަން ފޯރުކޮށް ނުދެނީ ކޮން ކަމެއްގައި ކަން ސާފުކޮށްދެއްވުމަށް އެދޭ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެއްބާރުލުން ނުދޭކަމަށް މީޑިއާގައާއި އެހެނިހެން ބައެއް މުއައްސަސާތަކަށް ޝަކުވާ ހުށަހެޅުމުން އެފަރާތްތަކުން އެފަދަ ކަންކަން ސާފުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަމުންދާއިރު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރަސްމީކޮށް އެކަމާގުޅެ އެއްވެސް މަޢުލޫމާތެއް ޙިއްސާކޮށްފައިނުވާތީ އިލެކްޝަންސް ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެހީތެރިކަން ފޯރުކޮށްނުދެނީ ކޮންކަމެއްގައިކަން ސާފުކޮށްދެއްވުމަށްވެސް މިސިޓީގައި އެދިވަޑައިގެންފައިވެ އެވެ،" ފުލުހުންގެ ވެބް ސައިޓުގައި ބުނެފައިވެ އެވެ.