26 Sep 2013, 21:26
މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ސިންގަޕޫރުގެ ދެ ކުންފުނި އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ކެބިނެޓުންނާއި ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ގޮތަށް ސަރުކާރުގެ ޝިޕިން ކުންފުނި އުވާލެވެން އޮތީ ސިންގަޕޫރުގައި އުފައްދާފައިވާ ދެ ސަބްސިޑިއަރީ ކުންފުނި އުވާލެވިގެން ކަމަށެވެ.
"އެ މަސައްކަތް ފެށުމަށް މިއަހަރުގެ ޖެނުއަރީ މަހު ވަނީ ތިން މެމްބަރުންނާއެކު އެމްއެންއެސްއެލްގެ ބޯޑު އަލުން އެކުލަވާލާފައި. އެ ކުންފުނި އުވާލަން ބެލިއިރު ވަރަށް ބައިވަރު މައްސަލަތަކެއް ހުރި. ނަމަވެސް މިހާރު އެމްއެންއެސްއެލްގެ ހުރިހާ އެސެޓްތަކެއް ކްލިއާކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެމްއެންއެސްއެލްގެ އިތުރުން ސިންގަޕޫރުގެ ދެ ކުންފުނީގައި ވެސް މިހާރު އެއްވެސް އެސެޓެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް އެ ދެ ކުންފުނި އުވާނުލެވި ލަސްވަނީ ބައެއް މައްސަލަތައް ސިންގަޕޫރުގެ ކޯޓުގައި ހިނގަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކުންފުނީގެ ފަރާތުން ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ ކަންތައް މިހާރު ދަނީ ކުރަމުން. އަޅުގަނޑުމެން މަސައްކަތްކުރީ މިމަހުގެ ނިޔަލަށް އެ ކުންފުނި އުވާލުމުގެ މަސައްކަތް ނިންމައި އެމްއެންއެސްއެލް ލިކުއިޑޭޓްކުރަން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންއެސްއެލްގެ ވިޔަފާރީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވަނީ ހުއްޓާލައިފަ އެވެ.