ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި ނަން މަޝްހޫރު ގަތަރު އެއާވޭސްއިން އެ އެއާލައިންގެ ފްރީކުއަންޓް ފްލަޔާ ޕްރޮގްރާމް، ނުވަތަ އާއްމުކޮށް އެ އެއާލައިނުން ދަތުރުކުރާ ފަސެންޖަރުންނަށް ހާއްސަ އިނާޔަތްތަކެއް ލިބިދޭ ޕްރޮގްރާމް، "ޕްރިވިލެޖް ކްލަބް" އަށް އާ ބަދަލުތަކެއް ގެނެސްފި އެވެ.

މި ބަދަލުތަކާ ބެހޭ ގޮތުން ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބޭކާ ދެއްކެވި ވާހަކާގައި، 2000 ވަނަ އަހަރު ގަތަރު އެއާވޭސް އިން ޕްރިވިލެޖް ކްލަބް ތައާރަފް ކުރުމަށްފަހު މިއަދާ ހަމައަށް އައި އިރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފްރީކުއަންޓް ފްލަޔާ ޕްރޮގްރާމަށް އެ ޕްރޮގްރާމް ވެފައިވާކަން ފާހަގަ ކުރެއްވި އެވެ.

"މި ޕްރޮގްރާމް ފެށުނީއްސުރެ އަޅުވަނޑުމެންގެ މި ޕްރޮގްރާމާއެކު އުޅުއްވަމުން ގެންދަވާ އިހުލާސްތެރި މެމްބަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން އުފަލާއެކު އަޅުވަނޑު މި އިނާޔަތްތައް ހަދިޔާކުރަން،" އަކްބަރު އަލް ބޭކާ ވިދާޅުވި އެވެ.

ގަތަރު އެއާވޭސްގެ ޕްރިވިލެޖް ކްލަބް ފްރީކުއަންޓް ފްލަޔާ ޕްރޮގްރާމަށް ގެނައި ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި، "ޕްލެޓިނަމް" ކާޑެއް ތައާރަފް ކުރެވުން ހިމެނެ އެވެ. އެންމެ މަތީ ފަންތީގެ ކާޑުގެ ގޮތުގައި ތައާރަފް ކުރެވުނު ޕްލެޓިނަމް ކާޑަށް 12 މަސްދުވަހުގެ ތެރޭގައި މަދުވެގެން 600 "ކިޔު-ޕޮއިންޓް" އެއްކުރާ ކޮންމެ މެމްބަރަކަށް އާ އިނާޔަތްތައް ލިބޭނެކަމަށް ގަތަރު އެއާވޭސްއިން ބުނެ އެވެ.

ކިއުޕޮއިންޓް ލިބެން ފަށަނީ ވަކިވަރަކަށް ދަތުރު ކުރުމަށް ފަހުގަ އެވެ. އަދި ގިނައިން ދަތުރު ކުރިވަރަކަށް ލިބޭ ކިއު ޕޮއިންޓް އިތުރުވެ އެވެ.

ޕްރޮގްރާމަށް ތައާރަފް ކުރެވުނު އިތުރު ކަންތައްތަކުގެ ތެރޭގައި ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ހާއްސަކޮށް "ކިޔު-ކްރެޑިޓް" ނަމަކަށް ކިޔުނު އާ ޕޮއިންޓް ސިސްޓަމެއް ހިމެނެ އެވެ. ކިއު ޕޮއިންޓްތައް މެދުވެރިކޮށް ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް، އިކޮނޮމީ ކްލާސް ގޮނޑިއެއް ފަސްޓް ކްލާސް ގޮނޑިއަކަށް ހިލޭ ބަދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގަތަރު އެއާވެސް އިން ބުނެ އެވެ.

ޕްރިވިލެޖް ކްލަބަށް ގެނައި އިތުރު ބަދަލު ތަކުގެ ތޭގައި، އަވަހަށް، ފަސޭހައިން، އެއް މެމްބަޝިޕް ފަންތިން އަނެއް ފަންތިއަށް ކުރިއަރައިގެން ދިއުމުގެ ފުރުސަތު ބޮޑުވުމާއި، އާއިލާތަކަށް ހާއްސަކޮށްގެން އާއިލާގެ އެންމެންގެ ޕޮއިންޓުތައް އެއްކޮށް، އިތުރު އިނާޔަތްތައް ލިބިގަތުމުގެ ފުރުސަތު ވެސް ހިމެނޭކަމަށް ގަތަރުން ބުނެ އެވެ.