26 Sep 2013, 21:05
ގދ. ފަރެސްމާތޮޑާ ކޯޓުގެ މެޖިސްޓްރޭޓްގެ ގެއިން އެއްލަކައަށްވުރެ ގިނަ ރުފިޔާއާއެކު ވަގަށް ނެގި ތިޖޫރީ ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އޭގައި ހުރި ފައިސާގެ ތެރެއިން 66،000ރ. އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ރޭ 11:26 އެހައިކަންހާއިރު ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެތިޖޫރީ ފެނިފައިވަނީ ހަލާކުކޮށްލުމަށްފަހު އެރަށު ފަޅު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައިވަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. ތިޖޫރީގައި ހުރި ފައިސާ ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތިޖޫރި ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 22 އަހަރުގެ ދެ މީހެއްގެ އިތުރުން 23 އަހަރުގެ މީހަކާއި 21 އަހަރުގެ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.